މާލެއަށް ބޭނުން ވަނީ ރައީސްގެ ސްޕީޑުގެ މޭޔަރެއް: ނައިބު ރައީސް

މާލެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުގެ ސްޕީޑާ އެއްވަރަށް މަސައްކަތް ކުރާނެ މޭޔަރަކު މާލެއަށް ބޭނުންވާކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މާޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، ރިޓަޔަޑު މޭޖާ ޖެނެރަލް މޫސާ އަލީގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން އިހުތިޔާރު ކުރަންވީ ގައުމު ދެކެ ލޯބިވާ ވެރިން ކަމަށާއި އަދި ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒުގެ ސްޕީޑާއި ހިދުމަތާއި އެއްވަރަށް އެމަނިކުފާނަށް އެހީތެރިވެދޭނެ ބޭފުޅެއް ކަމަށެވެ.އަދި ސަރުކާރުގެ ކަންކަމަށް ހުރަސްއަޅައި، ޖަވާބުދާރީ ކުރުވާށޭ ބުނެ މަސައްކަތްތަކަށް ދަތިކުރާނެ ބަޔަކު މިއަދު ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.ނައިބު ރައީސް ވިދާޅުވީ ސިޓީ ކައުންސިލްތަކުން ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކޮށް، ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވާ ކަމަށެވެ."މި ސިޓީގައި މައްސަލަތައް ތަންމިނަށް އެބަހުރި. ކާރުބާރު ބޮޑުވުމާއި، އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މައްސަލަތައް އެބަހުރި. މާލެއަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަނަށްވާއިރު، މިތަނަކީ އަމާންކަމާއެކު ހިނގާބިނގާވެ އުޅެވޭ، ދުއްވުމުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓިފައިވާ ތަނަކަށް ވާންޖެހޭ،" ނާއިބް ރައީސް ވިދާޅުވި އެވެ.އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ފަހަރުގެ އިންތިހާބުގައި ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހެނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.އެޕްލިކޭޝަން ހުށަހެޅުމަށް ދެ ހަފްތާގެ މުއްދަތެއް ދީފައިވާއިރު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ އެވެ. އީސީގެ ޕޯޓަލްއިން ދައްކާ ގޮތުގައި މިހާތަނަށް 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސަައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ