ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް އެދެވޭގޮތް ހަދަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕްރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިމަހުގެ 1ވަނަ ދުވަހުއެވެ. މިމުއްދަތު މިމަހުގެ މަހުގެ 30 ވަނަ ދުވަހުގެ ނިއަލަށް ވަނީ ހުޅުވާލާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވަޒީރު ވިދާޅުވީ، އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް އިސްލާޙުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް މިމިނިސްޓްރީން ހުޅުވާލިއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނުވަތަ އެފަދަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
އެ ވުޒާރާއި މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޚާއްސަ ކެޓަގަރީން ފްލެޓަށް އެދި ހުށައަޅާ ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ސާބިތުކުރުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ދޫކޮށްފައިވާ ކާޑުގެ ކޮޕީ ހުށައެޅޭނެކަމަށެވެ.
އެ ވުޒާރާއިން މީގެ ކުރިން އާންމުކުރި "މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލު"ގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަކިން ކެޓެގަރީއެއް ޚާއްސަކޮށްފައިވެއެވެ. އޭރު އުސޫލު އޮތްގޮތުން ޖެހެނީ، ނުކުޅެދުންތެރިކަން ހުންނަ ބައިގައި ހަމައެކަނި ފާހަގައެއް ޖަހާށެވެ. ނަމަވެސް މިދިޔަ ފެބްރުވަރީ މަހު އެވުޒާރާއިން އުސޫލަށް ގެނައި ބަދަލުގައި ވަނީ، ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފުލެޓަށް އެދި ހުށަހެޅޭނީ، މާލޭ ސަރަހައްދުގައި ދިރިއުޅޭތާ މެދުނުކެނޑި 5 އަހަރު ވެފައިވާ މީހަކަށެވެ.
މީގެއިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލުގައިވާ ގޮތުން ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރި ކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި ގްރޭޓަރ މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، ގްރޭޓަރ މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ