ގްލޯބަލް ސުމުދު ފްލޮޓިލާ އަނެއްކާވެސް ޣައްޒާއަށް ދަތުރުކުރަނީ، މި ފަހަރު ދެގުނަ ބައިވެރިންނާއެކު
އިސްރާއީލުން ޣައްޒާ ހިޞާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގްލޯބަލް ސުމޫދު ފްލޮޓިލާ އަނެއްކާވެސް ބާސެލޯނާ އިން ފުރަން ތައްޔާރުވެއްޖެއެވެ. މި ފަހަރުގެ ދަތުރުގައި ކުރީ ފަހަރު ބައިވެރި ބައިވެރިންގެ ގާތްގަނޑަކަށް ދެ ގުނަ ބައިވެރިން ބައިވެރިވާނެ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެންޖީއޯތަކުގެ މަންދޫބުންނާއި އެކްޓިވިސްޓުންނާއި އެކި ގައުމުތަކުގެ ވޮލަންޓިއަރުން މިދިޔަ އަހަރު އުފެއްދި މި ފްލޮޓިލާއިން ޣައްޒާއަށް އެހީ ހިފައިގެން ދެވަނަ މިޝަން ފަށާނީ މިއަދެވެ. ފްލީޓް ފުރާނީ 70 ގައުމަކުން ގާތްގަނޑަކަށް 1000 ވޮލަންޓިއަރުންނާއެކު 70 އުޅަނދުގައި ކަމަށް ޓީއާރްޓީން ރިޕޯޓުކޮށްފައިވެއެވެ. އެ ފްލީޓް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ދަތުރުކުރީ 42 އުޅަނދުގައި 462 މީހުންނާއެކުއެވެ. ތަރުޖަމާނު ޕަބްލޯ ކަސްޓިލާ ވިދާޅުވީ އެ ފްލީޓްގެ މައިގަނޑު އަމާޒަކީ ޣައްޒާގައި ހިނގަމުންދާ ކަންކަމުގައި ބައިނަލްއަގްވާމީ ބައިވެރިވުން ކުށްވެރިކޮށް، ޖަވާބުދާރީވުމަށް ޑިމާންޑްކޮށް، ކަނޑާއި އެއްގަމުން އިންސާނީ ކޯރިޑޯއެއް ހުޅުވުން ކަމަށެވެ. ކަސްޓިލާ ވަނީ އީރާނަށް ދޭ ހަމަލާތަކާއި ލުބުނާނުގައި ހިންގާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގްވާމީ ސަމާލުކަން ޣައްޒާއަށް ދަށްވެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ކުރިން ސެޕްޓެމްބަރު މަހު ކުރި މަސައްކަތުގައި އިސްރާއީލުގެ ސިފައިން ވަނީ ފްލީޓްގެ އެ އުޅަނދުތަކަށް ހަމަލާދީފައެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ފްލީޓް އިންތިޒާމްކުރި ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ބުނެފައެވެ. އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ޣައްޒާގެ އައްސޭރިފަށުން ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު (130 ކިލޯމީޓަރު) ދުރުން އުޅަނދުތަކަށް އަރައި، މުވާސަލާތީ ޚިދުމަތް ކަނޑާލައި ބައިވެރިން ހައްޔަރުކޮށްފައެވެ. ފްލީޓްގެ ދަތުރު ހަމަޖައްސާފައި ވަނީ ގާނޫނުގެ ތެރެއިން އަމަލުކޮށް ގާނޫނީ ތަޖުރިބާކާރުންނާއި ކަނޑުގެ ސަލާމަތީ ސްޕެޝަލިސްޓުންނާ މަޝްވަރާކޮށްފައި ކަމަށް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް މިދިޔަ އަހަރު އެއްބަސްވި ނަމަވެސް، އިސްރާއީލުން އަދިވެސް އަންނަނީ އެއްބަސްވުމާ ޚިލާފަށް ހަމަލާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ