ނޯޅޭށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދެފުށް ފެންނަ ސިޔާސަތަކާއި ހެޔޮ ވެރިކަމެއް ކުރައްވާނެ ކަމުގެ ފޮނި ވައުދާ އެކު އެވެ. އެ މަނިކުފާނު ކެމްޕޭންގައި ވިދާޅުވި އެވެ؛ ނޫސްވެރިން މައުލޫމާތު ހޯދުމަށް އާރުޓީއައި ފޯމް ހުށަހަޅާކަށް ވެސް ނުޖެހޭނެ އެވެ. އެހާ ވެސް މައުލޫމާތު ހޯދުމުގެ ދޮރު ފަސޭހަވާނެ ކަމަށެވެ. މައުލޫމާތު ހޯދުމުގެ ރަސްމަގު އޮންނާނީ ދެކޮޅަށް އޮއި ދެމޭ ކޯރެއް ގޮތަށް ތަންމިނަށް ހުޅުވިފައި ކަމަށެވެ.
އަޅުގަނޑު އެ މަނިކުފާނަށް ވޯޓު ދިން މައިގަނޑު އެއް ސަބަބަކީ އެއީ އެވެ. އަނެއް ދެ ސަބަބަކީ މި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ތެރެއަށް ބޭރު، ބައެއް ނުފޫޒު ގަދަ ގައުމުތަކުން އަތްބާނާވަރާ ދޭތެރޭ ހިތްހަމަނުޖެހުމެވެ. ތިން ވަނަ ސަބަބަކީ ކޮވިޑަށް ފަހު އިގްތިސާދު ފުނޑިފައި އޮއްވާ ހައްދެއް ނެތް މިންވަރަށް ފައިސާ ޗާޕްކޮށްގެން ނެތް ފެންވަރުގެ މަޝްރޫއުތައް ހިންގަން އުޅުމެވެ. އެ ކަމުގެ ގެއްލުންތައް އަދި އަދަށްދާން ދެން ވެސް މިދަނީ ތަހައްމަލު ކުރަމުންނެވެ.
ރައީސް މުއިއްޒު ކަންތައްތައް ކުރެއްވީ އަދި ކުރައްވަމުން ގެންދަވަނީ ވައުދުވެވަޑައިގަތް ގޮތަކަށް ނޫނެވެ؛ އެެއާ ގާތަކަށް ވެސް ނޫނެވެ. މައުލޫމާތެއް ނުދެ އެވެ. މައުލޫމާތަށް އެދި ފޮނުވި އެތައް އާރުޓީއައި ފޯމްތަކެއް ހުރީ ވަތްގަނޑުތަކުގަ އެވެ. ދިގު ކުރާކަށް އެ ލިސްޓްގެ ވާހަކަ ދައްކާކަށް ނެތީމެވެ. އެ ލިސްޓްތައް ވަނީ ފުނިޖެހިފަ އެވެ. ވައުދުވެވަޑައިގަތް ގޮތަށް ދެ ފުށެއް ނުފެނެ އެވެ. އެއާ ހިލާފަށް މީޑިއާ ކޮންޓްރޯލް ގާނޫނެއް ފާސްކޮށްގެން ކުރައްވަން އުޅުއްވި ކަމަކީ މީޑިއާގެ ދައުރު ހަނިކުރުމަށް މަސައްކަތް ކުރެއްވުމެވެ.
އެކަހަލަ އެތައް ކަމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ބާރެއް ނެތް ތަނަކަށް ހައްދަވައިފި އެވެ. މެންބަރުން އަތަކަށް ގުޑާލައިފި ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު ފާސްކޮށްފި އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގައި ތިއްބެވި އެންމެ ގާބިލު އަދި ކުޅަދާނަ ފަނޑިޔާރުން ވަކިކޮށްފި އެވެ.
ރަނގަޅު ވާހަކަ އެކެވެ. ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. އަދި އެއީ ހަރަދު ވެސް ބޮޑުކަމެކެވެ. އެހެނަސް ރައްޔިތުންގެ 'އެފެއާއެއް' މެނޭޖު ކުރަން ޖެހޭނީ ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް އަދި ދެފުށް ފެންނަ ގޮތަށެވެ.
ސުވާލަކީ އެކަން ކުރެއްވީ އެގޮތަށްތޯ އެވެ. އަޅުގަނޑު ހިތުން އެކަން ކުރެއްވީ އެ ގޮތަކަށް ނޫނެވެ. ޖަވާބުދާރީވުމެއް، ދެ ފުށް ފެނުމެއް ނެތެވެ. ނަތީޖާއަކީ ލޯކަލް ކައުންސިލް އިންތިހާބު ނުވަތަ މިޑް ޓާމް އިންތިހާބު ބޮޑު ތަނުން ސަރުކާރަށް ގެއްލުމުގެ އެއް ސަބަބަކަށް އެކަން ވުމެވެ.
އަޅުގަނޑުގެ ނަޒަރުގައި އިންތިހާބު، ހާއްސަކޮށް މާލެ ހިމެނޭ ގޮތަށް ބޮޑެތި ސިޓީތައް ސަރުކާރަށް ގެއްލުނު އަނެއް ސަބަބަކީ ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރި މަސައްކަތެވެ. ބަހުސްގެ ބޭނުމަށް ދެ އިންތިހާބު އެއްކޮށްލުމަކީ ނުވަތަ އެކުއެކީގައި ބޭއްވުމަކީ މައްސަލައެއް ނޫން ކަމަށް ބެލެވިދާނެ އެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލަން ޖެހޭ ސަބަބު ސަރުކާރަށް ރަނގަޅަކަށް ބުނެއެއް ނުދެވުނެވެ. އޭގެ ބަދަލުގައި ރައީސް ވިދާޅުވީ ޕްރެފެރެންޝަލް ނިޒާމެއް ނޫނީ 'ފަސްޓް ޕާސްޓް ޕޯސްޓް' ނިޒާމެއް ތައާރަފު ކުރެއްވުމުގެ ވިސްނުންފުޅު ހުރި ކަމަށެވެ. އަދި އެކަން ހިނގާނީ އެ ވޯޓަށް ފަހު ކަމަށެވެ. މާނައަކީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް ނެތި، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރެވޭ ގޮތް ހެދުމެވެ.
ހަގީގަތަށް ބުރަވާ ނަމަ، ޕްރެފެރެންޝަލް ނިޒާމުގެ ވޯޓަކީ ރާއްޖެއަށް ރަނގަޅު ވޯޓެކެވެ. އަވައްޓެރި ސްރީ ލަންކާގައި ވޯޓު ނެގީ އެފަދަ ގޮތަކަށެވެ. މާނައަކީ ވޯޓުލާ މީހާގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ އިރު، އެ ވޯޓު ކަރުދާސްކޮޅުގައި އޭނާގެ ފުރަތަމަ އިހުތިޔާރާއި ދެ ވަނަ އިހްތިޔާރު އޮތުމެވެ. ވޯޓު ގުނާ އިރު އެ މީހެއްގެ ފުރަތަމަ އިހުތިޔާރު ކެންޑިޑޭޓަށް އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ ބަލާނީ އޭނާގެ ދެވަނަ އިހުތިޔާރަށެވެ. އެ ގޮތުން އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކު އެ އިންތިހާބުވީ އެވެ. އޭރު ރާއްޖޭގައި މި އޮންނަ ދެ ވަނަ ބުރުގެ ކަންތައްގަނޑުން ސަލާމަތްވީ އެވެ. އަދި ހަރަދު ކުޑަވުމުގެ އިތުރަށް ޖޭޕީ ކަހަލަ ބޭކާރު ޕާޓީތަކަށް ބައި އެޅުން ވެސް ނިމުކަށް އަންނާނެ އެވެ.
ނަމަވެސް އެކަންކަން ރަނގަޅަށް ބުނެ ނުދީ ދެ އިންތިހާބު އެއްކޮށްލާ ވާހަކަ ބުނުމުން، ސަރުކާރުން މި އުޅެނީ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓް އަދި އަގުލަބިއްޔަތު ނުލިބުނަސް ވެރިކަމަށް އާދެވޭ ގޮތަށް ހަދަން ކަމަށް މީހުންނަށް ގަބޫލުކުރެވުނެވެ. ސަރުކާރުން އެކަން ސާފުނުކޮށްދިނީމާ ބެލެވޭނީ ވެސް އެެ ގޮތަށެވެ. އަބަދު ވެސް ސިޔާސީ ކަންކަމުގައި، ސިޔާސީ ވެރިން ކަންކަން ކުރައްވާނީ އެހެން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރަން ފަސޭހަވާނެ އެވެ. އޭގެ އިތުރަށް ރައީސް މުއިއްްޒުގެ ބަހާއި އަމަލު ދިމާ ނުވާކަން ފާޅުގައި ފެންނަން އޮތުމުން އެ ނޫން ގޮތަކަށް ގަބޫލު ކުރާކަށް ވެސް ނުޖެހެ އެވެ.
އަނެއް ސުވާލަކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓާއި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ވޯޓު އެކީގައި ބޭއްވުމުން ސަރުކާރަށްވީ ފައިދާތޯ ނުވަތަ ގެއްލުންތޯ އުފެދޭ ސުވާލެވެ. އަޅުގަނޑުގެ ނަޒަރުގައި ލޯކަލް ކައުންސިލް އިންތިހާބާ އެކު ފެންނަ ނުފެންނަ ވޯޓަށް އެހުމަކީ ސަރުކާރުން ހެދި  އެންމެ ބޮޑު ގޯހެވެ. އެހެން ނޫން ނަމަ ސަރުކާރަށް ކައުންސިލު އިންތިހާބުން ލިބުނު ވަރު ބޮޑުވީހެވެ. އެހެނީ ދެ އިންތިހާބު އެއްކޮށްލާ ވާހަކަ އައުމުން އިދިކޮޅު އެންމެން އެކަމުގައި އެއްގަލަކަށް އަރައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް މަގުފަހިވެ އަދި ރައީސްގެ ފަރުދާގެ ފުރަގަހުގައި އޮތް 'ސިއްރު ނިޔަތް' ހާމަކުރުމަށް މަގުފަހިވެގެން ދިޔަ އެވެ. އަދި އެކީ އެއް ރާގަކަށް ރައީސްގެ ފޭލިއާތައް ހާމަ ރުމުގެ ދޮރުހުޅުވި، ގިނަ ބަޔަކު ވޯޓު ލުމަށް ނުކުތުމުގެ ދޮރުހުޅުވިގެން ދިޔަ އެވެ.
ވޯޓު ކަރުދާސްކޮޅުގައި ވޯޓަށް މި އަހަނީ ކޮން ކަމަކަށްކަން ސާފުކޮށް ލިޔެފައި ނެތުމަކީ ވެސް މީހުން އިތުރަށް ޝައްކުގެ ނަޒަރަކުން ބަލަން މަގުފަހިކޮށްދިން ކަމެކެވެ.
ފަހު ސުވާލަކީ މިއީ އިދިކޮޅު އެމްޑީޕީއަށް ލިބުނު ކާމިޔާބެއްތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި މިއީ އެއްގޮތަކަށް ވެސް އެމްޑީޕީއަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ ޖުމުލަކޮށް މުޅި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއެކެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ވެސް އެ ކާމިޔާބީގައި ކުޑައެއް ނޫނެވެ. ޖުމުލަކޮށް ދަންނަވާ ނަމަ މިއީ ރައީސް މުއިއްޒުއަށް ނޫނެކޭ ބުނުމެވެ. އަދި ތިޔަ ކަންކަން ކުރައްވަމުން ގެންދަވާ ގޮތް، ތިމަންނަމެން ގަބޫލެއް ނޫނޭ ބުނުމެވެ.
ރައްޔިތުން ދިން މެސެޖަކީ ދެ ފުށް ފެންނަ ގޮތަށް އަދި ރައްޔިތުންގެ ފައިދާ އާއި މަސްލަހަތަށް ރިޔާއަތް ކުރައްވައިގެން ވެރިކަން ކުރެއްވުމަށް ދިން މެސެޖެކެވެ. ދެން އޮތީ ސަރުކާރުން އެކަން އީޖާބީ ގޮތެއްގައި ބަލައިގަތުމާއި ނުގަތުމުގެ ތަފާތެވެ. އަރިހުގައި އުޅުއްވާ ބޭފުޅުން ރައީސްއަށް އެއީ އެ މަނިކުފާނަށް ބުނި ނޫނެކޭ ކަމަށް ވިސްނައިދޭ ނަމަ އެ ވަނީ އިތުރަށް ހަދާ ގޯހަކަށެވެ. ހުޝާމަދު ކުރާ އަޑުއަހަން ފަސޭހަ ވާނެ އެވެ. ނަމަވެސް ބޮޑާއި ކަމާއި ކިބުރުވެރިކަން އެއްފަރާތްކޮށް ރައްޔިތުންގެ ކުރިމަތީގައި ގޮތް ދޫކުރެއްވުމުމަކީ ބުއްދިވެރިން ކަން ކުރާނެ ގޮތެވެ. 
އިންތިހާބުގެ ނަތީޖާ އާ އެކު އިހްލާސްތެރިން ރައީސްއަށް ސާފުވެއްޖެ ނަމަ ކިތަންމެހާ ވެސް ގައުމަށް ރަނގަޅެވެ. އޭގެ އަނެއް ފަރާތުން އެމްޑީޕީއަށް އެ މީހުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް ގަބޫލުކޮށް ގާފިލު ނުވެއްޖެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ