ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ފައިސާ ދެއްކުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން ނުވަތަ ބާތިލްކުރަން ސިނާންގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
މީގެ އިތުރުން ލޯނުގެ ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ފަނޑިޔާރު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
ހުކުމުގެ ދަށުން ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތު ދީފައިވާއިރު، ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ ހުކުމުގެ މުއްދަތުގައި ފައިސާ ދައްކާފައިވާ ކަމަށް ސިނާންގެ ފަރާތުން ބުނެފައިވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ މިންވަރު ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށެވެ.
އެ ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ، ރަހުނު ވިއްކާލައިގެން ފައިސާ ހޯދެން އޮތުމުން އެފަދަ ހުކުމެއްގެ ދަށުން ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގޮނޑި ގެއްލުމުގައި ރަހުނު ހިމެނޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެ ކަމަށެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.
މެންބަރު ސިނާން މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ