ބިހޭވިއާ ތެރިޕިސްޓުން ހިމެނޭހެން، ދިވެހި 250 ތެރަޕިސްޓުން ތަމްރީނު ކުރަން މަޝްރޫއެއް ފަށަނީ

ބިހޭވިއާ ތެރަޕިސްޓުން ހިމެނޭހެން، ދިވެހި 250 ތެރަޕިސްޓުން ތަމްރީނު ކުރުމުގެ ގައުމީ މަޝްރޫއެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ. މަތީ ތައުލީމާ ބެހޭ ވުޒާރާއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، ދިވެހި ތެރަޕިސްޓުން ތަމްރީނު ކުރަން އަންނަ އަހަރު ގައުމީ މަޝްރޫއެއް ފަށަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްޕީޗް ތެރިޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުން ހިމެނޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އެ ވުޒާރާއިން ބުނީ، އެ މަޝްރޫއާ ގުޅޭ މައުލޫމާތު އަންނަ މަހުން ފެށިގެން ހިއްސާކުރަން ފަށާނެ ކަމަށެވެ. އާންމު ދިރިއުޅުމުގައި ވާހަކަ ދެއްކުމާއި، އެކިއެކި އާދަތައް ދަސްކުރުމާއި މަސައްކަތްތައް ކުރުމުގައި ދަތިތައް ހުންނަ ކުދިންނާއި މީހުންނަށް، އެ ކަންކަން ދަސްކޮށްދިނުމަށް ދޭ ތެރަޕީ ނެގުމަށް ދައުލަތުން ވެސް އެހީ ފޯރުކޮށްދެއެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ތެރަޕީއަށް ކޮންމެ މަހަކު ކުރާ ޚަރަދުތަކުގެ ތެރެއިން، އާންމުކޮށް އެންމެ ގިނައިން ޚަރަދު ކުރަނީ ބިހޭވިއާ ތެރަޕީއަށެވެ. އެގޮތުން މިދިޔަ މަހު، ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 359 މީހުންގެ ތެރަޕީއަށް އެ އިދާރާއިން ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި 252 ފިރިހެނުންނާއި 107 އަންހެނުން ހިމެނެއެވެ. https://sun.mv/215310 އެ ތެރަޕީތަކަށް 12.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި 3.5 މިލިއަން ރުފިޔާއާއެކު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށެވެ. އިތުރު ތެރަޕީތަކަށް ކޮށްފައިވާ ޚަރަދަށް ބަލާއިރު، އޮކިއުޕޭޝަނަލް ތެރަޕީއަށް 3.49 މިލިއަން ރުފިޔާ އަދި ސައިކޯ ތެރަޕީއަށް 99،350 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ