"ފުރަތަމަ ރަން މެޑަލް ހޯދަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެ"
ރާއްޖޭގެ އަންހެން ވޮލީބޯޅައިގެ ތާރީހުގައި ފުރަތަމަ ރަން މެޑަލް ހޯދަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެކަމަށް ހެޑު ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގައި ރޭ ބަންގްލަދޭޝް ބަލިކުރުމަށްފަހު "ސަން" އާއ ވާހަކަދައްކަމުން ކޯޗު ނަދީމް ބުނީ ހުރިހާވެސް ވިސްނުމެއް ހުރީ މިރޭގެ ފައިނަލް މެޗު ކާމިޔާބުކުރުމަށް ކަމަށެވެ. ނަދީމް ބުނީ މިއަދު ނުކުރި ކަމެއް ދެން ފަހަކުން ނުކުރެވޭނެ ކަމަށާއި ހުރިހާ ކުޅުންތެރިންވެސް ވިސްނުން ބަހައްޓަން ޖެހޭނީ ހުރިހާ ހިތްވަރެއް ނެރެގެން މިރޭގެ ފައިނަލް މެޗު ކާމިޔާބުކުރުމަށް ކަމަށެވެ. ކިރްގިސްތާނު އަތުން މޮޅުވުމަށްފަހު ގައުމީ ކޯޗާއެކު ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ސަން "ކުޅުންތެރިންނަށް އަޅުގަނޑު މި ބުނެދިނީ މި ފައިނަލަށްފަހު މި ފުރުސަތެއް ދެން ނުލިބޭނޭ. މިއަދު ނުކުރި ކަމެއް ދެން ފަހުން ކުރަން ނޯންނާނެއޭ، އެހެންވީމަ އޯލް އައުޓަކަށޭ ދާން ޖެހޭނީ، ހުރި ހުރިހާ އެއްޗެއް، ހުރިހާ ދުވަހަކު ކުރި މަސައްކަތުން މިއަދު ޖެހޭނެއޭ ނެރެން" ނަދީމް ކޯޗު ބުންޏެވެ. ކޯޗު ބުނީ މުޅި ޓީމުވެސް އޮތީ ރަނގަޅު ރޫހެއްގައި ކަމަށާއި މޮޅުވުމުގެ އަޒުމުގައި ކަމަށެވެ. އަދި އެއީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ކޯޗު ބުންޏެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ވޮލީބޯޅަ ޓީމު-- ފޮޓޯ: ސަން ފައިނަލުގައި ވާދަ ކުރާ ކިރްގިސްތާން ޓީމާ ގުޅޭ ބޭނުންތެރި ހުރިހާ މައުލޫމާތެއް ކުޅުންތެރިންނަށް ފޯރުކޮށްދެމުން އަންނަަކަން ފާހަގަކޮށް ނަދީމް ކޯޗު ބުނީ މިއީ މުޅި ޓީމަށްވެސް މުހިންމު ފައިނަލް މެޗެއް ކަމަށެވެ. "އަޅުގަނޑުމެންނަށް މެންޓަލީ ދެން މި ދުވަހެއް ދެން ނާންނޭނެ، މި ފައިނަލް މެޗެއް ދެން ނާންނާނެ އަޅުގަނޑުމެންނަކަށް ރާއްޖެއަކަށް ދެން ނުލިބޭނެއޭ،" ފައިނަލް މެޗުގެ މުހިންމުކަން "ސަން" އާއި ހިއްސާކުރަމުން ނަދީމްބެ ބުންޏެވެ. މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ކިރްގިސްތާނު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 20:40 ގައެވެ. މި މެޗު އެސްއެސްޓީވީން އަދި ސަަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ