މެދުއިރުމަތީގައި މިހާރު ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ސުލްހަވާން ދިވެހި ސަރުކާރުން މިރޭ ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިއަދު އިސްވެ އީރާނަށް ވަނީ ހަމަލާދީފަ އެވެ. އެއާ އެކު، އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތަކެއް ދީފަ އެވެ.
މި ހަމަލާތަކާ ގުޅިގެން އެއްވެސް ގައުމެއްގެ ނަން ނުގެނެސް ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ތަފްސީލު - ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ:
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ކަންބޮޑުވޭ
ހުރިހާ ދިމާލަކުން ދެމުންގެންދާ ހަމާލަތައް ކުށްވެރިކޮށް، ސުލްހަވެރިކަން ގާއިމްކުރުމަށް ގޮވާލާފައިވޭ
"ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ވެސް ރާއްޖެއިން ގޮވާލަނީ، ސުލްހަމަސަލަސްކަން ގާއިމުކުރުމަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކަށް ފުރިހަމައަށް އިހްތިރާމް ކުރުމަށެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ހުރިހާ ގައުމެއްގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް ހުރިހާ ގައުމަކުން ވެސް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭ."
އޭގެ އިތުރުން، ހިޔާލު ތަފާތުވާ މައްސަލަތައް ސުލްހަވެރިކަމާ އެކު ހައްލުކުުރުމަށް ރާއްޖެއިން އަބަދު ވެސް ވަކާލާތު ކުރާކަން ފާހަގަކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުން ގާއިމް ކުރުމަށް ހުރިހާ ގައުމުތަކުން ވެސް ގުޅިގެން މަސައްކަތް ކުރުމަށް އެދިފައިވެ އެވެ.
ހުރިހާ ހަމަލާތަކެއް ކުށްވެރިކޮށް، ސުލްހަ ގާއިމްކުރަން ރާއްޖެއިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ