ރޯދަމަހު އައިޖީއެމްއެޗުން ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފި
މިއަދު ފެށި މި އަހަރުގެ ރަމަޟާން މަހު ޚިދުމަތްތައް ދޭ ގަޑިތައް ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗުން އާންމުކޮށްފިއެވެ. އައިޖީއެމްއެޗުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަސް، ނުވަތަ ހަ ރޯދަ ނިމޭ ދުވަހުގެ ނިޔަލަށް ހުރިހާ ޑިޕާޓްމަންޓުތަކުގެ ކައުންޓަރުތަކުން ހެނދުނު 8:30 އިން މެންދުރު ފަހު 2:30އަށް ޚިދުމަތް ދޭނެއެވެ. ލެބޯރެޓަރީގެ ޚިދުމަތްތައް ދޭ ގަޑިތަކަށް ބަލާއިރު، ގަވާއިދުން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ނަގައި ބަލައިގަންނާނީ ހެނދުނު އަށަކުން ފެށިގެން ހަވީރު ފަހެއް ޖެހުމާ ހަމައަށެވެ. މީގެ އިތުރުން، ކައިގެން ދެ ގަޑިއިރު ފަހުން ލޭ ނަގައިގެން ހަދާ ޓެސްޓުތަކަށް ބޭނުންވާ ސާމްޕަލާއި ދަރިފަނީގެ ސާމްޕަލް ބަލައިގަންނާނީ ރޭގަނޑު އަށަކުން ފެށިގެން ނުވައެއް ޖަހަންދެންނެވެ. އަދި، ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ އާދީއްތަ ދުވަހާއި ބުދަ ދުވަހު ހެނދުނު ނުވަޔަކުން ފެށިގެން ނުވައެއް ޖެހުމާ ހަމައަށް، އަދި ހުކުރު ފިޔަވައި ބާކީ ދުވަސްދުވަހު ހެނދުނު އަށަކުން ފެށިގެން 10 ޖެހުމާ ހަމައަށެވެ. ހަމަ އެހެންމެ، އެކްސްރޭ ހެދުން ހެނދުނު އަށަކުން މެންދުރު ފަހު 2:30އަށް، އަދި ސީޓީ ސްކޭނާއި އެމްއާރުއައިއާއި އަލްޓްރާސައުންޑް ސްކޭނާއި މެމޯގްރާމާއި ބީއެމްޑީ ހެދުން ހެނދުނު އަށަކުން ފެށިގެން މެންދުރު ދޭއް ޖަހަންދެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އައިޖީއެމްއެޗުން ބުނީ، އެމަޖެންސީގެ ޚިދުމަތްތައް ރަމަޟާން މަހު ވެސް މެދުނުކެނޑި 24 ގަޑިއިރު ދެމުން ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ