ރާއްޖޭގެ އާބާދީ މިހާރު އޮތްގޮތަށް ބަލާއިރު، ކަނބަލުން ބާރުވެރިނުކޮށް، ޤައުމުގެ ހިންގުން ހަރުދަނާ ނުކުރެވޭނޭކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 52 އިންސައްތައާ ގާތްކުރާ އަދަދަކީ އަންހެނުން ކަމަށާއި، ކަނބަލުން ބާރުވެރިނުކޮށް ރާއްޖޭގެ ހިންގުން ހަރުދަނާކުރެވޭނޭކަމަށް ޤަބޫލުނުކުރާކަމަށެވެ. އެގޮތުން ރާއްޖޭގައި ލާމަރުކަޒީ ސިފަ ޖެއްސެން އޮތީ އަންހެނުން ބާރުވެރިކޮށްގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މި ވެރިކަމުގައި އަންހެނުން ކޮމިޓީގެ މެމްބަރުންނަށް މުސާރައެއް ކަނޑައަޅައި، މިހިނގާ ރަމަޟާންމަހުގެ އެލަވަންސްވެސް ދީފައިވާކަމަށެވެ. މިއީ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވިގެންދިޔަ ކަންކަން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މި ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރައީސް ޑރ.މުއިއްޒު ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވިއިރު، މީގެ ކުރިން ވެރިކަމުގައި ތިއްބެވީ ލާމަރުކަޒީ ނިޒާމް ދަންނަބައެއް ނޫންކަން އެފަރާތްތަކުގެ ވާހަކަތަކުން ފާހަގަވިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީ ރިއަލިޒަމްގަ ޙަޤީޤަތުގަ އަންހެން ބޭފުޅުން ބާރުވެރިކުރުމަކީ އެއަށް އަމަލީ ސިފަގެނައުން. އެކަން އެގެނެސްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. މީގެ ކުރިން ކައުންސިލްގެ މުވައްޒަފުން ތިބެނީ ހަތަރުވަނަ ކެޓަގަރީގަ. މިއަދު އެކަން ބަދަލުކުރައްވާފަ. ކައުންސިލްގެ މުވައްޒަފުން ހަތަރުވަނަ ކެޓަގަރީގަ ތިބޭތީބުން، އެމީހުންގެ މުސާރަ އިމްޕްރޫވް ކުރުމަށް ފަހު އެ ހާލަތު ބަދަލުކުރައްވާފަ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މި ހަފްލާގައި މިނިސްޓަރު ސައީދު ވަނީ، ސަރުކާރުގެ މިވީ ދުވަސްތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށް ނަތީޖާ ނެރެދީފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މި ސަރުކާރު ރާއްޖޭގެ ހިންގުމާ ހަވާލުވުމަށްފަހު، އެމްޑީޕީ ސަރުކާރުން ބަނގުރޫޓު ކޮށްލި ގައުމު ޑިފޯލްޓަކަށް ނުގޮސް އެކަމުން ސަލާމަތްކޮށް، ސަވަރިންފަންޑް އިޔާދަކޮށްފައިވާއިރު، ރާއްޖޭގެ ރިޒާވް 1.1 ބިލިއަން ޑޮލަރަށް މިއަދު އިތުރުވެފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އިޖުތިމާއީ ސިފަ ކުރިއަށްވުރެ ވަރުގަދަވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވަނީ ވޭޕުން ސްކޫލްތަކުގެ ދަރިވަރުން މިންޖުކޮށް، ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުމަށް މުހިންމު ފިޔަވަޅުތައް އެޅިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މިރޭ ބޭއްވި ހަފްލާގައި ޕީއެންސީ މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިބްރާހީމެވެ.
މާފަންނު އުތުރު ދާއިރާގެ ޖަގަހަ ހުޅުވުން..
މި ހަފްލާގައި ޕީއެންސީގެ ފަރާތުން މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރާ ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެނޑިޑޭޓުންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުްނގެ އިތުރުން ޕާޓީގެ ދާއިރާއަށް ނިސްބަތްވާ މެމްބަރުން ބައިވެރިވިއެވެ.
ކަނބަލުން ބާރުވެރިނުކޮށް ޤައުމުގެ ހިންގުން ހަރުދަނާ ނުކުރެވޭނެ: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ