ފެބްރުއަރީ7 ގައި ޝާހިދު އަދާކުރެއްވީ ގާނޫނީ ވާޖިބެއް

ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމަށް ގާނޫނުއަސާސީ ލާޒިމުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މީހަކަށް ހަވާލުވެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި އުއްތަމަފަނޑިޔާރު ލައިދޭ ގާނޫނީ ހުވާކޮށްގެންނެވެ. 
2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ އަބްދުއްލާ ޝާހިދެވެ. ވީކަމެއް ވެގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުގައި ލައިވް ޓީވީ ކުރި މަތީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭ އެއްޗެކެވެ.
ރައީސްގެ އިސްތިއުފާ ސިޓީ ލިބުމުން މަޖިލިސްގެ ރައީސް ކުރަންޖެހޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ރައީސުލްޖުމްހޫރިއްގެ ނައިބާ ހަވާލުކުރުމުގެ ކަންކަން ލަސްނުކޮށް ކުރުމެވެ. ރައީސަކު ނެތި ގައުމު ގާނޫނީ ހުސްކަމެއްގައި ބޭއްވުމަކީ މަޖިލީހުގެ ރައީސަށް އޮތް އިހުތިޔާރެއް ނޫނެވެ. 
ރައީސް ނަޝީދު ފެބްރުއަރީ 7ގައި އިސްތިއުފާ ދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްލާ ޝާހިދު ކުރެއްވީ ގާނޫނު އަސާސީން ކުރުމަށް ލާޒިމު ކަމެކެވެ. ޝާހިދު އަދާކުރެއްވީ ހަމައެކަނި ގާނޫނީ ޒިންމާއެވެ. 
ފެބްރއަރީ 7ގައި ހިނގާ ދިޔަކަންކަމާއި އެކަންކަމުގެ ވަށައިގެން ކުރިއާއި ފަހުން ހިނގި ކަންކަމުގައި ޝާހިދުގެ ދައުރެއް ނެތްކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް ނަޝީދުގެ އިސްނެންގެވުމަކުން އޮނަރަބަލް ޝާހިދަށް އެމްޑީޕީއަށް ދައުވަތު ދެއްވި ދެއްވުމެވެ. އޮނަރަބަލް ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހާއްސަކޮށްގެން އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާއެވެ. އެ ޖަލްސާގައި ޝާހިދަށް ދެންނެވި މަރުހަބާއެވެ. އޮނަރަބަލް ޝާހިދަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ.
ޝާހިދު އެމްޑީޕީއާއި ގުޅިވަޑައިގަތް ދުވަހުއްސުރެ އެމްޑީޕީގައި ދެގޮތެއްވެ ވަޑައިނުގެން ރެއާއި ދުވާލު ކުރައްވާ މަސައްކަތްޕުޅުތަކުން ޝާހިދާ ހިތާހިތުގެ ގުޅުމުން ގުޅިފައިވާކަމީ ޝައްކެއް ނެތްކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން ޝާހިދު ވަނީ އެމްޑީޕީ ތަމްސީލްކޮށް ދެއްވާފައެވެ. ބޭރު ދުނިޔޭގައި އެމްޑީޕީގެ ހައްގުގައި ގިނަގުނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ.
އދ ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ކަމުގެ ޝަރަފު ހޯއްދަވައިގެން ޝާހިދު ވަނީ ދުނިޔޭގައި އެމްޑީޕީގެ ނަން ދިރުވާ ދެއްވާފައެވެ. މިހާރު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރެއާއި ދުވާލު އެކުރައްވަނީ އެމްޑީޕީ ބާރުވެރިކޮށް ރައްޔިތުންގެ އިތުބާރު އިހުނަށްވުރެ ވެސް އިތުރަށް ހޯދުމުގެ މަސައްކަތެވެ. ޑީއާރުޕީއާއި ޝާހިދާ ގުޅުވައިގެން މިހާރު ވާހަކަ ދައްކާ ބަޔަކު ދައްކަނީ ސިޔާސީގޮތުން އެމްޑީޕީގައި ޝާހިދުގެ ބުރަދަން ބޮޑު ކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ