އެޓްމޮސްފިއާ ފައުންޑޭޝަނުން ޑައިވިން ތަމްރީނު ޕްރޮގްރާމަކަށް ހުޅުވާލައިފި

އެޓްމޮސްފިއާ ފައުންޑޭޝަނުން ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން، ހުރިހާ ހަރަދެއް ހަމަޖެހިފައިވާ ޑައިވިން ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މޫދުބުޅާ ޑައިވް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަހަރަކު 10 ދިވެހިންނަށް ޑައިވިން ދާއިރާއިން ފަންނީ ތަމްރީނު ހޯދައިދިނުމަށް އެޓްމޮސްފިއާ ފައުންޑޭޝަނުން ސްޕޮންސާ ކުރާ ޕްރޮގްރާމެކެވެ. މިހާރު ހުޅުވާލާފައިވަނީ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތެވެ.
ތަފްސީލް - މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިވެހިންނަށް މި ދާއިރާއަށް ވަނުމަށް މަގުފަހިކޮށްދީ، އަސާސީ ހުނަރުތަކުން ފެށިގެން ފަންނީ ކުރިއެރުމާ ހަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް:
ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ޑައިވިން ސެޓްފިކެޓްތައް ހާސިލުކުރުމަށް ބޭނުންވާ ހުރިހާ ހަރަދެއް އެ ފައުންޑޭޝަނުން ހަމަޖައްސައިދޭނެ 
އޭގެ ތެރޭގައި ފަންނީ ތަމްރީނުތަކުގެ ފީ، ސެޓްފިކެޓް ފީ، ހުރުމާއި ކެއުން އަދި އިންޝުއަރެންސްގެ ހަރަދުތައް ހިމެނޭ
ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވުން ހިމެނެ އެވެ. އަދި ތަމްރީނު ފުރިހަމަކުރާ ފަރާތްތަކުން، އެ ހާސިލުކުރި ހުނަރުގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމަށާއި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ފޯރުކޮށްދިނުމުގެ ގޮތުން، ވަކި މުއްދަތަކަށް ރާއްޖޭގައި މަސައްކަތްކުރަން ޖެހޭނެ އެވެ.
ބުނީ ކީކޭ؟ - އެޓްމޮސްފިއާ ފައުންޑޭޝަނުގެ ނައިބު ރައީސް އަބްދުލް އަޒީޒް އަބްދުލް ހަކީމް ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމަކީ ދިވެހިންނަށް ކުރިއަށް ދިއުމުގެ އަމަލީ ފުރުސަތުތައް ހޯދައިދިނުމަށް އެ ފައުންޑޭޝަނުން ކުރާ މަސައްކަތުގެ ބައެކެވެ.
"މި ޕްރޮގްރާމުގެ މަގްސަދަކީ މި ދާއިރާއަށް ޝައުގުވެރިކަން ހުރި، ޑައިވިން އިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް މަގުފަހިކޮށްދިނުން. ތަމްރީނާއި ތަރައްގީއަށް އިންވެސްޓްކުރުމުން، ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ދާއިރާގައި ދިވެހިންނަށް ފަންނީ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް:
މި މަހުގެ 15ގެ ނިޔަލަށް ކުރިމަތިލެވޭނެ 
ފޯމު ހުށަހެޅުމަށް - [email protected]  
އިތުރު މައުލޫމާތު - 7788141
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ