ޓީޓީ ހަދަން ދޫކުރާ ޑޮލަރުގެ ސަޕޯޓެއް ނުހުއްޓޭ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދެމުން އައި ޑޮލަރު ސަޕޯޓް ހުއްޓާނުލާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ. ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ވެސް ވިޔަފާރިތަކަށް ޑޮލަރު ވިއްކަމުން އައި އުސޫލުން، ކޮންމެ ވިޔަފާރިއަކަށް ވެސް ކަނޑައެޅިފައިވާ ލިމިޓްގެ ތެރެއިން ޓީޓީ ފޮނުވުމަށް މެދުނުކެނޑި ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެގޮތުން، މި މަހުގެ ތެރޭގައި ވެސް ޓީޓީއަށް ޑޮލަރު ބޭނުންވުމުން ކޮންމެ ކަސްޓަމަރަކަށް ވެސް އެ ކަސްޓަމަރަށް ދެވޭނެ އެންމެ ބޮޑު އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ."މިހާތަނަށް ޓީޓީ ހަދަން ޑޮލަރުގެ އެހީއަށް އެދިފައިވާ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްނުދެވިފައެއް ނެތެވެ. އެހެން ނަމަވެސް، އެ ވިޔަފާރީގެ ޓީޓީއަށް ބޭނުންވާ ޖުމްލަ އަދަދު ބޭންކުން ނުދެވުން އެކަށީގެންވެ އެވެ،" ބަޔާނުގައިވެ އެވެ.މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން، ބޭރުން ރާއްޖެއަށް ބޭންކް މެދުވެރިކޮށް އަންނަ ފައިސާއަށް ވުރެ ރާއްޖެއިން ބޭރަށް ބޭންކް މެދުވެރިކޮށް ފޮނުވާ ފައިސާގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވީ ނަމަވެސް، ބޭންކުން މި އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާ އެކު ބަލަހައްޓައި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.ބޭންކް އިން ބުނީ ރާއްޖެއިންބޭރަށް ފައިސާފޮނުވުމަށް މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި 106.2 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އެވްރެޖްކޮށް މަހަކަށް 35.4 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެކެވެ."އަދި މިބޭނުމަށް މިދިޔައަހަރު އެވްރެޖްކޮށް މަހަކަށް ވިއްކި 14.6 މިލިއަން ޑޮލަރާއި އަޅާބަލާއިރު މިއީ %142 އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 38،855 ޓިޓީ އަށް ބޭރުފައިސާ ފޯރުކޮށްދީފައިވާއިރު، މި ހިނގާ އެޕްރީލް މަހު އެކަނިވެސް 6،800 އަށް ވުރެ ގިނަ ޓީޓީ ފޮނުވުމަށް ބޭރުފައިސާގެ އެހީ ފޯރުކޮށްދީފައިވާނެއެވެ. އަދި އިއްޔެ އެކަނިވެސް 327 ޓީޓީ އަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވެއެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.ބޭންކުން ބުނީ ބޭންކުގެ ކަސްޓަމަރުންނާއި ބޭހޭ އަދި ބޭންކުން ހިންގާ ފައިސާގެ މުޢާމަލާތްތަކުގެ ސައްހަ މަޢުލޫމާތު ތަކަކީ ހަމައެކަނި ބޭނަކަށް ދެވޭނެ މަޢުލޫމާތުތަކެކެވެ. އެހެންކަމުން މިފަދަ މުހިންމު ކަމަކާއި ގުޅޭގޮތުން ބޭންކުގެ ކަސްޓަމަރުންގެ މެދުގައި އަދި މުޅި މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދޭގޮތަށް، ޒިންމާދާރުކަމެއްނެތި މިފަދަ މަޢުލޫމާތު ފެތުރުމަކީ ބޭންކުން އެކަމާއމެދު ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ