ލޯކަލް ޓޫރިޒަމްގައި ކ. މާފުށި އަބަދު ވެސް ތަފާތެވެ. އެ ވިޔަފާރީގައި އެހެން ރަށްރަށަށް ވުރެ އެ ރަށް އޮތީ އަބަދު ވެސް އެއް ފިޔަވަޅު ކުރީގަ އެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލުމުގެ އިތުރުން، އެހެން ނަޒަރަކުން އެ ރީތިކަން ބަލާލުމުގެ ފުރުސަތު އެ ރަށުން ތައާރަފްކުރެ އެވެ.
އެންމެ އުސް ގެސްޓްހައުސްތައް އަޅައި އެ ތަނުގައި ތިބެގެން އިރުއަރާ އޮއްސޭ މަންޒަރު ބަލާލުމުގެ ފުރުސަތު ދިނެވެ. ޕެރެސައިކްލިން ފަދަ 'އެކްސްޓްރީމް ވޯޓާ ސްޕޯޓްސް'ތަކުން ޓޫރިސްޓުންގެ ހިތް އަތުލި އެވެ. މި ފަހަރު އެ ރަށުން މި 'ވިއްކަން' ފެށީ އަހެވެ. ރަށުގެ ގޮނޑުދޮށާއި ފިނޮޅާއި މޫދުގައި އަސް ދުއްވާލުމުގެ ފުރުސަތެވެ.
ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަަން ސިޔާމް ރިސޯޓްްސްގެ ދަށުން ނ. އަތޮޅުގައި ހިންގާ ސިޔާމް ވޯލްޑް ރިސޯޓުގައި މިހާރު ވެސް އަސް ގެންގުޅެ އެވެ. އެކަމަކު މިއީ ލޯކަލް ޓޫރިޒަމަށް މި ގޮތަށް އަސް ނެރުނު ފުރަތަމަ ފަހަރެވެ.
މާފުށީގެ 'އައިލެންޑް ސްޓޭބްލްސް'އިން މި ހިދުމަތް ވިއްކަނީ، ހުދު ގޮނޑުދޮށުގައި، ކަނޑުން އަންނަ ފިނިވައިގައި' ތަފާތު ތަޖުރިބާއެއް ކުރެވެނޭ ކަމެއްގެ ގޮތުގަ އެވެ.
އެކަމަކު ބައިގަޑިއިރަށް 1،200ރ.އަށް ދޭން ފެށި މި ހިދުމަތާ މެދު ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ. މޫދުގެ ފުން ހިސާބުގައި، ފެނުން މައްޗަށް ކިރިޔާ އޭގެ ބޯ އަރާ އަރާ ހަމައިގައި އެ ރަށުގައި އަންހެނަކު އަސް ދުއްވާ ތަން ފެންނަ ވީޑިއޯ އާއްމުވުމާ އެކު ބައެއް މީހުން ބުނަނީ އެއީ އަހަށް ދޭ އަނިޔާއެއް ކަމަށެވެ. އަނެއް ބަޔަކު، ރީތި ފަރުތައް ކައިރީ އަސްތައް ދުއްވާއިރު، މުރަކަތަކަށް ގެއްލުން ނުވާނެތޯ އަހައި ސުވާލު އުފެއްދި އެވެ.
އޭގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ބުނަނީ މާފުށީގައި ބޭނުން ކުރަނީ، މޫދުގައި ވެސް ދުއްވުމުގެ ގާބިލްކަން ހުރި، ފެތުމަށް ކުޅަދާނަ 'މަރުވާރީ' އަސް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުން ވެސް ފެންނަ މަންޒަރެއް ކަމަށް އެ މީހުން ބުނެ އެވެ.
މާފުށިން ދައްކާލި މި އާ މަންޒަރާ މެދު ހިޔާލުތަފާތުވުން އެބަހުއްޓެވެ. އެއް ބަޔަކަށް މިއީ ޓޫރިސްޓުން ސަމާލުކަން ހޯދުމުގެ އާ އުކުޅެކެވެ. އަނެއް ބަޔަކު ދެކޭގޮތުގައި މިއީ ރާއްޖޭގެ މާހައުލާ ނުގުޅޭ، ޖަނަވާރުންނާ މެދު އިހާނާތްތެރިވާ ތަން ފެންނަ މަންޒަރެކެވެ. އެކަމަކު އެކި ހިޔާލުތަކާ އެކު ވެސް މާފުށީގެ އަސްތަކަށް ގިނަ ބައެއްގެ ލޯ ހުރީ ހުއްޓިފަ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމަށް މާފުށިން މި ފަހަރު ނެރުނީ އަސްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ