ފަހި ފްލެޓްތަކުގެ ތިރިއަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްތަކުގައި އުސޫލާއި ހިލާފަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރަންފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)  ފަށައިފި އެވެ.އެ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ, އުސޫލުން ބޭރުން ކުނި ޖަމާކުރުމުގެ ސަބަބުން، ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، އާންމު ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތްތައް މެދުވެރިވަމުންދާ ކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެއީ އެ ކޯޕަރޭޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކުނި އުކާލުމުގެ ގަވައިދާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ތަކުރާރުކޮށް ފާހަގަކުރާ ކަމަށް ބަޔާނުގައިވެއެވެ.އެފްޑީސީން ބުނީ، އިމާރާތްތަކުގެ ކޮރިޑޯތަކާއި ހިނގާ މަގުތަކުގެ އިތުރުން ޓަވަރުތަކުގެ ބޭރު ސަރަހައްދުތަކަށް ކުނި އެޅުމާއި ކުނި ޖަމާކުރުމަކީ މަނާ ކަމެއް ކަމަށެވެ. ގޭބިސީތަކުން އުފެދޭ ކުނި އުކާލަންވާނީ ހަމައެކަނި ގްރައުންޑް ފްލޯގައި ހުންނަ ގާބޭޖް ރޫމްތަކުގައި އެކަމަށް ޚާއްސަކޮށްފައިވާ ކުނިވަށިތަކަށް ކަމަށް އެފްޑީސީން ބުންޏެވެ.ޔުނިޓުތަކަށް އަލަށް ބަދަލުވާއިރު އުފެދޭ ފޮށިގަނޑާއި ފުޅިމަދު އަދި އެ ނޫންވެސް ތަކެތި އުސޫލުތަކާ އެއްގޮތަށް އުކާލުމަކީ އެ ޔުނިޓެއްގެ ވެރިފަރާތުގެ ޒިންމާއެއްކަން އެފްޑީސީން ފާހަގަކުރިއެވެ.ފަހި ފްލެޓުތަކުގެ އެއްބަސްވުމުގައިވާ ގޮތުން އެފްޑީސީން އުކާލާނީ ގޭތެރޭގައި އާންމުކޮށް އުފެދޭ ކުންޏާއި ކުނިވާ ޒާތުގެ ތަކެތި އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ