އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި، ރާއްޖޭގައި ކޮރަޕްޝަން އަދިވެސް ކަންބޮޑުވާ ދަރަޖައަށް ކޮރަޕްޝަން އޮތްކަން ފާހަގަކުރުމުން ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަން ގަބޫލުނުކޮށް މިއަދު ރައްދުދީފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި)ގައި ރާއްޖެއަށް ލިބުނީ 39 ޕޮއިންޓެވެ. އެއީ ސީޕީއައިގައި ހިމެނޭ 182 ގައުމުގެ ލިސްޓުން 91 ވަނަ އެވެ.
ކޮރަޕްޝަން އިންޑެކްސްގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު އެއް ދަރަޖައިގެ ކުރިއެރުމެއް މިދިޔަ އަހަރު ލިބިފައިވިޔަސް، މިދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ސީޕީއައި ރޭންކް ހުރީ އެއް މިންވަރެއްގައި ހިފެހެއްޓިފަ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ބުނިގޮތުގައި، ރާއްޖޭގެ ސީޕީއައި ދަރަޖަ އަދިވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ދަށެވެ. އަދި، ނިޒާމީ ގޮތުން ހުރި ނާޒުކުކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ، އާންމުންގެ އިތުބާރު ގެއްލި، އިންސާފާއި ހިދުމަތްްތައް ހޯދުމުގައި ރައްޔިތުންނަށް ދަތިވަމުންދާ ކަމަށާއި ގާނޫނަށް ގެންނަ ބަދަލުތަކުގެ ސަބަބުން، ވެރިކަން ކުރާ ބާރުގެ ތެރެއަށް އެހެން ބާރުތައް ޖަމާކުރެވި، 'ސްޓޭޓް ކެޕްޗާ'ގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާ ކަން ފާހަގަކުރި އެވެ.
ތަފްސީލް - ސީޕީއައިއަށް ރައްދުދީ، އޭސީސީން ފުރަތަމަ ފަހަރަށް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީި ސީޕީއައި އަކީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށާއި "ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު" ބަލާ މިންގަނޑެއް ކަމަށެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި މިއީ ދެކޭ ގޮތުގެ މައްޗަށް ބިނާކުރާ ދިރާސާއަކަށްވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިން ބިނާވަނީ ދެކޭގޮތުގެ މައްޗަށް ރިއާޔަތްކޮށް ނަގާ މައުލޫމާތުގެ މައްޗަށް ކަމަށް އޭސީސީން ބުންޏެވެ.
މިދިޔަ އަހަރުގެ ރާއްޖޭގެ ސްކޯ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކޮށްފައިވަނީ، ހަމައެކަނި ތިން މަސްދަރެއް ކަމަށާއި އެއީ، ކޮރަޕްޝަން ރާއްޖޭގައި އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށް ވެސް އޭސީސީން ބުންޏެވެ.
"ހަމައެއާއެކު، ގިނަ ޤައުމުތަކާ ހިލާފަށް، ރާއްޖޭގެ ސްކޯ އެކުލަވާލުމަށް ބޭނުންކުރެވިފައިވަނީ، މަދު މަސްދަރުތަކެއް ކަމަށްވުމާއެކު، މި ސްކޯގެ ނަތީޖާއަކީ މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ގައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި، މި ކޮމިޝަނުން ދެކެމެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އޭސީސީން އިތުރަށް ބުނީ:
ރާއްޖޭގެ ނަޒާހާތްތެރިކަމުގެ ގައުމީ ނިޒާމް (ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް) އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް
އެގޮތުން، ރާއްޖޭގެ ދިގު ރާސްތާ ގައުމީ ޕްލޭނާއި، މޯލްޑިވްސް 2.0 އާ އެއްކީލިވާނެ، ގައުމީ އެންޓި-ކޮރަޕްޝަން ސިޔާސަތު އ.ދ ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ އެހީތެރިކަމާއެކު އެކުލަވާލުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށައި މިހާރު ކުރިޔަށް އެބަދޭ
އިންޓަނޭޝަނަލް އެންޓި-ކޮރަޕްޝަން އެކެޑެމީއިން އިސްނަގައިގެން އަލަށް ކުރިޔަށް ގެންދާ 'މެޝަރިން އިފެކްޓިވްނެސް އޮފް އެންޓި-ކޮރަޕްޝަން އޭޖެންސީސް'ގެ ފަންނީ މަސައްކަތުގައި އެ ކޮމިޝަނުން އެހެން ގައުމުތަކާ އެކު ދަނީ ބައިވެރިވަމުން
އެނގުން މުހިންމު - ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި، ދައުލަތް ހިންގުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ދެކޭ މިންވަރު ގިންތި ކުރަނީ، ސުމަކާއި 100އާ ދޭތެރޭގެ އަދަދަކަށް ޕޮއިންޓް ދީގެންނެވެ. މި އިންޑެކްސްއިން ދައްކުވައިދޭ ގޮތުގައި ސުމެއް އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަ ކަމަށް ގަބޫލުކުރެވޭ އަދަދެވެ. 100 އެއީ ކޮރަޕްޝަންގެ އަމަލުތައް އެންމެ މަދު ކަމަށް ގަބޫލުކުރެވޭ މިންވަރެވެ.
މި އިންޑެކްސްގައި ދަރަޖަ މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް އާންމުނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ފަހު ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގަ އެވެ. ރާއްޖޭގެ ނަތީޖާ ނެރުމަށް އާންމުކޮށް ވެސް ރިއާޔަތްކުރަނީ ބައިނަލްއަގުވާމީ ތިން މަސްދަރަކަށެވެ.
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ކޮރަޕްޝަން ބޮޑުކަމަށް ބުނުމުން ގަބޫލުނުކޮށް އޭސީސީން ރައްދުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ