ޕާކިސްތާނުން އިންޑިއާ މެޗު ބޮއިކޮޓް ނުކުރަން ލަންކާ އިން އެދެފި ޕާކިސްތާނުން އިންޑިއާ މެޗު ބޮއިކޮޓް ނުކުރަން ލަންކާ އިން އެދެފި

ކޮލަމްބޯ، ސްރީ ލަންކާ (ފެބްރުއަރީ 6) - މި މަހު ސްރީ ލަންކާ/އިންޑިއާގައި ކުރިއަށްގެންދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ޕާކިސްތާނުން އިންޑިއާއާ ދެކޮޅަށް އޮތް މެޗު ބޮއިކޮޓް ކުރަން ނިންމި ނިންމުން ބަދަލުކުރަން ސްރީ ލަންކާ ކްރިކެޓް ބޯޑުން އެދިއްޖެ އެވެ.
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާޗް އަށް ވަނަ ދުވަހުގެ ނިޔަލަށް ޓީ20 ކްރިކެޓް ވޯލްޑް ކަޕް ހޯސްޓްކުރަނީ އިންޑިއާ އާއި ލަންކާގަ އެވެ. އިންޑިއާއާ އެކު އޮތް މައްސަލަތަކުގެ ސަބަބުން، ޓީ20 ވޯލްޑް ކަޕްގައި ޕާކިސްތާންގެ މެޗުތައް ކުޅެނީ ލަންކާގަ އެވެ. އަދި، މުބާރާތުގެ ފައިނަލަށް ޕާކިސްތާން ގޮސްފިނަމަ އެ މެޗު ވެސް ކުޅެން ޖެހޭނީ ލަންކާގަ އެވެ.
ސިޔާސީ ހަމަނުޖެހުންތަކާ ހެދި، ޕާކިސްތާނާއި އިންޑިއާ އިން މުބާރާތެއްގެ ބޭރުން އެއް ޓީމު އަނެއް ޓީމާ ދެކޮޅަށް 2013 ވަނަ އަހަރުގެ ފަހުން މެޗެއް ކުޅެފައިނުވެ އެވެ. އިންޑިއާ އިން އެންމެ ފަހުން ޕާކިސްތާނަށް ގޮސް އެ ގައުމާ ދެކޮޅަށް މެޗެއް ކުޅެފައިވަނީ، 2008 ވަނަ އަހަރު އެވެ.
ޕާކިސްތާން ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓީ20 ވޯލްޑް ކަޕްގައި ކުޅެން ޕާކިސްތާން ކްރިކެޓް ޓީމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެކަމަކު، މި މަހުގެ 15 ވަނަ ދުވަހު އިންޑިއާއާ ކުޅެން އޮތް މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުޅެން އަންގާފައިވާނެ ކަމަށެވެ.
ޕާކިސްތާނެކޭ އެއްގޮތަށް ބަންގްލަދޭޝް އިން ވެސް އެ ގައުމުގެ މެޗުތައް ލަންކާގައި ކުޅޭ ގޮތަށް ހަދައިދޭން އައިސީސީ އަށް ހުށަހެޅި ނަމަވެސް އެ ޕްރޮޕޯސަލް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، އައިސީސީން އަންގާފައިވަނީ، އިންޑިއާ އަށް މެޗުތައް ކުޅެން ބަންގްލަދޭޝަށް ނުދެވޭނަމަ، އެ ޓީމަށް މުބާރާތުގެ ފުރުސަތު ގެއްލި އެހެން ޓީމަކަށް އެ ޖާގަ ދޭނެ ކަމަށެވެ. އަދި، ގޮތެއް ނިންމަން ތަކުރާރުކޮށް ބަންގްލަދޭޝް އަށް ދިން ފުރުސަތުގައި ވެސް އެ ގައުމުން ނިންމީ އިންޑިއާގައި ކުޅެން ޖެހޭނަަމަ މެޗުތަކަށް ނުދިއުމަށެވެ.
ބަންގްލަދޭޝް އިން ގޮތް ދޫނުކުރުމުން، އައިސީސީން ވަނީ ގަވާއިދުގައި ބުނާގޮތަށް، ވޯލްޑް ކަޕަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން އެންމެ ރޭންކިން ރަނގަޅު ޓީމެއް ބަލައި، ބަންގްލަދޭޝްގެ ޖާގަ އެ ޓީމަކަށް ދިނުމަށެވެ. އެ ގޮތުން، ބަންގްލަދޭޝްގެ ޖާގަ ދީފައިވަނީ ސްކޮޓްލެންޑަށެވެ.
ޕާކިސްތާން ކްރިކެޓް ބޯޑުން ބުނީ، އެ ގައުމުން އިންޑިއާއާ ދެކޮޅަށް ނުކުޅެނީ، ބަންގްލަދޭޝާ އެކުގައި ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެކަމަކު، ލަންކާގެ ކްރިކެޓް ބޯޑުން ބުނެފައިވަނީ، އެ ގައުމުގައި ހޯސްޓްކުރަން އޮތް މެޗުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ މެޗަކީ އިންޑިއާ އާއި ޕާކިސްތާން މެޗު ކަމަށެވެ. އަދި، އެ މެޗުގެ ޓިކެޓްގެ ކަންކަން ވެސް ހަލުވި ދުވެއްޔެއްގައި ކުރިއަށްދަމުން އަންނައިރު، އެ މެޗު ކުރިއަށްނުދާނަމަ އެއީ، މުބާރާތުގެ ސަޕޯޓަރުންނަށް ލިބޭނެ ގެއްލުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ