ލޯނެއް ނުލިބި، ބަޖެޓުން މާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަނީ
ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ. ސިލްސިލާކޮށް ކޮންމެ ހަފުތާއެއްގެ ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަވާ ނޫސްވެރިންގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ނަފުސާނީ އެކި ބަލިތަކަށް ދޭ ފަރުވާ މި އަހަރުން ފެށިގެން އާސަންދައިން ކަވަރުކުރަން ފެށި ފަހުން މި މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު ފަރުވާ ހޯދާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް ގާއިމުކުރަން ނިންމާފައިވަނީ ބޭރުގެ އެހީތެރިކަމާ އެކު ކަމަށެވެ. ބޭރުގެ ލޯނުގެ އެހީތެރިކަމާ އެކު ހޮސްޕިޓަލް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ނަމަވެސް އެ ޕްރޮސީޖާ ދިގުކަމުން މީގެން ލޯނެއް ހަމަޖެހިގެން މި ކަހަލަ އެއްވެސް ޕްރޮޖެކްޓެއް ނުފެށި ލަސްވަމުން ދާތީ، އަދި މި މައްސަލައަކީ އިތުރު އެހީތެރިކަމެއް ބޭނުންވާ ހިސާބަށް ގޮސްފައިވާ މައްސަލައެއް ކަމަށް ވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ސީދާ ބަޖެޓުން މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ،" ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު: ބޭރު ގައުމުތަކުން ލޯނު ނުލިބުމުގެ ސަބަބުން، ސަރުކާރުގެ ޚަރަދުގައި މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ނިންމިކަން ވަނީ ހާމަކުރައްވައިފަ --- ފޮޓޯ: ރައީސް އޮފީސް ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރުމަށް ހޯދަން މަސައްކަތްކުރި ލޯނު ފެސިލިޓީ، ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރުމަށް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ލާމު އަތޮޅުގައި އަޅަން ނިންމި ހޮސްޕިޓަލާ މެދު ފަހުން ގޮތެއް ނިންމައި، ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރާ ހޮސްޕިޓަލް އިމާރާތްކުރާނީ މާލޭގައެވެ. މާލޭން އެކަނި ވެސް 8،125 މީހުން މި އަހަރު ތެރޭ ނަފުސާނީ ބައްޔަށް އާސަންދައިން ފަރުވާ ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އެހެންވީމާ މުޅި އަދަދުގެ ވެސް ބޮޑު އިންސައްތައަކީ މާލެ ސަރަހައްދު، މާލެއަށް ގިނަ ކަންކަމުގައި ރައްޔިތުން ވަޑައިގަންނަވާ، އެހެންވީމާ ހޮސްޕިޓަލް މާލޭގައި އިރާދަކުރެއްވިއްޔާ ގާއިމުކުރުމަށް ބަޖެޓުގެ ތެރެއިން ފަންޑު މި ހަމަޖެއްސީ. ހަމަޖައްސާފައި އެ ޕްރޮޖެކްޓް އިރާދަކުރެއްވިއްޔާ އަވަހަށް އޮންނަ ބިޑިން ޕްރޮސެސް ނުވަތަ ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއިން ފަށާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ