އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމުގައި ހުރި ތޯމަސް ފްރޭންކް، އެ މަގާމާ ހަވާލުވިތާ އެންމެ އަށް މަސް ދުވަހުގެ ތެރޭގައި މަގާމުން ވަކިކޮށްފިއެވެ.
ޓޮޓެންހަމްގެ ބޯޑުން މި ނިންމުން ނިންމާފައިވަނީ ލީގުގައި އެ ޓީމުގެ ނަތީޖާތައް އިންތިހާއަށް ދަށްވުމާ ގުޅިގެންނެވެ.
ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް އިން މި އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގައި ކުޅުނު އަށް މެޗުން ވެސް މޮޅެއް ލިބިފައެއް ނުވެއެވެ. މިއީ 2008 ވަނަ އަހަރަށް ފަހު އެ ޓީމުން މޮޅެއް ނުލިބި މިހާ ގިނަ މެޗުތަކެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.
ބްރެންޓްފޯޑްގެ ކުރީގެ ކޯޗު ފްރޭންކްގެ ބެލުމުގެ ދަށުން އެންމެ ފަހުން ކުޅުނު 17 ލީގު މެޗުގެ ތެރެއިން ޓޮޓެންހަމަށް ކާމިޔާބު ކުރެވުނީ އެންމެ ދެ މެޗެވެ.
ނަތީޖާތައް ދަށްވުމުގެ ސަބަބުން ޓޮޓެންހަމް މިހާރު ވަނީ ލީގު ތާވަލުގެ 16 ވަނައަށް ސޮއްސާލައި، ރެލިގޭޝަން ޒޯނާ ނުރައްކާތެރި މިންވަރަކަށް ގާތްވެފައެވެ. މިވަގުތު އެ ޓީމާއި ރެލިގޭޝަން ޒޯނާ ދެމެދު އޮތީ އެންމެ ފަސް ޕޮއިންޓުގެ ފަރަގެކެވެ. ޗެމްޕިއަންސް ލީގުގެ ގަދަ އަށް ޓީމުގެ ތެރޭގައި ޓޮޓެންހަމް ހިމެނުނު ނަމަވެސް، ޑޮމެސްޓިކް މުބާރާތްތަކުގެ ނަތީޖާތައް ގަބޫލުކުރެވޭ މިންވަރަށް ވުރެ ދަށްވުމުން ކްލަބުން ވަނީ އޭނާ ވަކިކުރަން ނިންމާފައެވެ.
ފްރޭންކް ޓޮޓެންހަމާ ހަވާލުވީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އޭނާ އެ މަގާމަށް އައީ 17 އަހަރަށް ފަހު ޓޮޓެންހަމަށް ޔޫރޮޕާ ލީގުގެ ތަށި ހޯދައިދިން ކޯޗު އަންޖް ޕޮސްޓެކޮގްލޫ، މިދިޔަ ޖޫން މަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މިހާރު ފެތުރެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި، ޓޮޓެންހަމްގެ އާ ކޯޗަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އިޓަލީގެ ރޮބާޓޯ ޑި ޒާބީއެވެ. ބްރައިޓަންގެ ކުރީގެ ކޯޗު ޑި ޒާބީ އެންމެ ފަހުން ހުރީ ފްރާންސްގެ މާސޭގެ ކޯޗުގެ މަގާމުގައެވެ.
ރަމަޟާންމަހުގެ ހަނދުބެލުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި ލޭބާ ކުއާޓާ ހަދާފައި ހުރި ފްލެޓެއް ހުސްކުރަން އަންގައި އިންޒާރު ދީފި ގެސްޓްހައުސް އާއި ގެސްޓްރޫމް ފައިނޭންސިން ތައާރަފްކޮށްފި އީޖާދީ މަސައްކަތުގައި އަންހެން ކުދިންނަށް ހުރި ހުރަސްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ