ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންތަކެއް ޑރ. މުއިއްޒަށް ތާއީދުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު އަލަށް ލިބޭ އުމުރުން 18 އަހަރާ 23 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.400 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވުމާއެކު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ރޭ ބޭއްވުނު ޒުވާނުންގެ މި ހާއްސަ އެއްވުމަށް ޑރ. މުޢިއްޒުގެ ދެކަނބަލުންނާ، އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޒިޔާރަތްކުރައްވައިފައެވެ.މި އިވެންޓުގައި ޒުވާނުންނާއެކު ގޭމް ކުޅުއްވުމުގައި ޑރ.މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އިވެންޓުގައި ބެހެއްޓިފައި ހުރި ފޮޓޯ ބޫތުގައި އަލަށް ވޯޓުލާ ގިނަ ޒުވާނުންނާ، އީ-ގޭމް ކުޅެން ޝައުގުވެރި ގިނަ ޒުވާނުންނާއެކު އެމަނިކުފާނު ވަނީ ފޮޓޯ ނަންގަވައިފައެވެ.އެއްވެ ތިބި ޒުވާނުންނާ މުޚާޠަބުކުރައްވާ ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އީ-ސްޕޯޓްސް ގެ ދާއިރާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ. "ބައިނަލްއަޤްވާމީ ފެންވަރުގެ އީ-ސްޕޯޓްސް 3 އެރީނާ އަޅުގަނޑު ޤާއިމް ކޮށްދޭނަން. އެއީ ރާއްޖޭގެ އުތުރާ ދެކުނާ އަދި މާލެ ސަރަޙައްދުގައި." އެމަނިކުފާނު ވިދާޅުވިއެވެ.ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ކުދިކުދި ތަންތަންކޮޅުގައި ވަރަށް ހާލުގައި އުޅޭ ޒުވާނުން ތިބިކަން ފާހަގަކުރެއްވިއެވެ. ޒުވާނުންނަށް ރަނގަޅު ހިޔާވަހިކަމާ، ތަޢުލީމާ ވަޒީފާގެ ފުރުސަތުވެސް ބޭނުންކަމަށް ވިދާޅުވިއެވެ."ކައިވެނި ނުކޮށް ތިބޭ ޒުވާނުންނަށްވެސް އެޕާޓްމަންޓް ލިބޭނެގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި ހަދާނަން. ވަރަށް އެކަށޭނަ ހެޔޮ އަގެއްގައި. އޭގެ ތެރޭގައި ސްޓޫޑިއޯ އެޕާޓްމަންޓްވެސް ހިމެނޭ."ގެދޮރާއި ތަޢުލީމާއެކު ވަޒީފާގެ ފުރުޞަތުވެސް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، އެކުއްޖެއްގެ ހުނަރު ބޭނުންކޮށްގެން އިންޓަރނޭޝަނަލް މާރކެޓްގައި ސެލަރ އެކައުންޓް ހުޅުވައި އާމުދަނީ ހޯދޭނެ ގޮތަށް ޕޭމަންޓް ސިސްޓަމް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ޒުވާނުންނަށްޓަކައި އިތުރު ވަޒީފާވެސް އުފައްދަވާނެ ކަމަށެވެ.ރޭގެ މި އިވެންޓާއި ގުޅުވައިގެން ރާއްޖޭގެ އީ-ސްޕޯޓްސް ކޮމިޔުނިޓީއިން، "މުޢިއްޒު ފޮރ އީ-ސްޕޯޓްސް" ގެ ނަމުގައި ހާއްސަ މުބާރާތެއް ބާއްވާފައިވެއެވެ. ފީފާ23 އީ-ގޭމް ކުޅުމަށް ބޭއްވި މި މުބާރާތުގައި ރާއްޖޭގައި ތިބި އީ-ގޭމަށް އެންމެ ހުނަރުވެރި ޒުވާނުންގެ ތެރެއިން 32 ޒުވާނަކު ބައިވެރިވިއެވެ.8 ގަޑިއިރަށް ދެމިގެންދިޔަ މި އީ-ގޭމް މުބާރާތުން 1 ވަނަ ހޯދީ ހާއިސް ޙުސައިން ހިލްމީ އެވެ. މުބާރާތުގެ 1 ވަނައަށް ވަނީ 15000 ރުފިޔާގެ އިނާމެއް ހުށަހަޅާފައެވެ. މީގެ އިތުރުން، އަލަށް ވޯޓުލުމުގައި މިއަހަރު ބައިވެރިވާ ޒުވާނުންގެ މެދުގައިވެސް މުބާރާތްތަކެއް ބާއްވައި އިނާމު ދީފައިވެެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ