ސަމަރުބްލޫ މަނިކުގެ އެދިވަޑައިގަތުމަކީ ދާއިރާގެ ޚިދުމަތްތެރިންގެ އަގުވަޒަންކުރުން: މަރީ
ބްރޯޑްކާސްޓިންގެ ދާއިރާގައި މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަރްހޫމު އިބްރާހިމް މަނިކު (ސަމަރުބްލޫ އިބްރާހިމް މަނިކު ނުވަތަ ސަމަރޭ)ގެ އެދިވަޑައިގަތުމަކީ އަދި ހިތްވަރު ދެއްވީ، ދާއިރާގެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރެއްވުމަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ (މަރީ) މިރޭ ވިދާޅުވެއްޖެއެވެ. މަރީ މިފަދައިން ވިދާޅުވީ ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މަރީ ވަނީ އިބްރާހިމް މަނިކަށް އެ ކޮމިޝަނުން އަލަށް ތައާރަފްކުރި ބްރޯޑްކާސްޓިން އެވޯޑްސްގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ހާސިލްކުރެއްވީތީ އެކަމުގައި އޭނާއާއި އިބްރާހިމް މަނިކާ ދެމެދު އޮތް ބައްދަލުކުރެއްވުމެއްގެ ވާހަކަ މިރޭ ހިއްސާކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވީ މި ދާއިރާގެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ކަމަށް އޭނާ ވިދާޅުވިއެވެ. "އެ އެވޯޑުގެ މުހިންމުކަން ފާހަގަކޮށްދެއްވި، ވިދާޅުވި ތި ފެއްޓެވީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް ރަނގަޅު މަސައްކަތެކޭ. ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދަވާށޭ. އަޅުގަނޑު ކަހަލަ އެތައް ބަޔަކު ތިއްބަވާނޭ،" މަރީ ވިދާޅުވިއެވެ. މަރީ ވިދާޅުވީ އެ އެދިވަޑައިގަތުމާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް ބްރޯޑްކޮމް އެވޯޑު ކުރިއަށް ގެންދަވާނެ ކަމަށެވެ. "އެެހެންވެ އެއީ އަޅުގަނޑުމެން އޭގެން ލިބުނު އިބްރަތެއް،" މަރީ ވިދާޅުވިއެވެ. ސަމަރުބްލޫ އިބްރާހިމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީންގެ ޖަލްސާ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ މަރީ ވިދާޅުވީ ސަމަރު ބްލޫ އިބްރާހިމް މަނިކުގެ ތައާރަފެއް ދިވެހީން ބޭނުން ނުވާނެ ކަމަށާއި އެއީ ހުރިހާ އެންމެން ވެސް ދަންނަ ޚިދުމަތްތެރިއެއް ކަމަށެވެ. އޭނާގެ އަޑަކީ ޓީވީއާއި ރޭޑިއޯގެ އަހުލުވެރިން ދަންނާނެ އަޑެއް ކަމަށާއި އެއީ ރާއްޖޭގައި ޓީވީއާއި ރޭޑިއޯގެ ޚިދުމަތް ތަރައްގީކުރެއްވުމުގައި އެންމެ މުހިންމު އެއް ތަނބުކަމަށް ވެސް މަރީ ވިދާޅުވިއެވެ. "ފަތިހަށް ގޮވައިލައި ހާލުގެ އަޑާއި އުދަވަމުން އަންނަ އިރުގެ ރަން ދޯދިތަކާއި ގޮނޑުދޮށުގައި ބީއްސާ ރާޅުތަކުން އުފައްދާ މިއުޒިކާއި އަދި ސޫފިސޫފި ކިޔާ ލަވަތަކާއި އަޑުއަހައިލަން އުފާވެރި 'ބާއްޖަވެރި ހެނދުނެއް' އަޅުގަނޑުމެންނަށް ގެެނެސްދިން،" އިބްރާހިމް މަނިކުގެ ހަނދާންތައް އާކުރައްވަމުން މަރީ ވިދާޅުވިއެވެ. މަރީ ވިދާޅުވީ ރާއްޖޭގެ ރޭޑިއޯ ޚިދުމަތަށް މުހިންމު ގިނަ ޚިދުމަތްތަކެއް އިބްރާހިމް މަނިކު ކޮށްދެއްވި ކަމަށެވެ. 'ރޭޑިއޯ މޯލްޑިވްސް' ގެ ނަން 'ދިވެހިރާއްޖޭގެ އަޑު'ގެ ނަމަށް ބަދަލުކުރެއްވުމާއި ޒަމާނީ ވައްޓަފާޅިއަށް އަޑުގެ ޕްރޮގްރާމްތައް ބަދަލުކުރައްވައި، ރަށްތަކުގެ ރައްޔިތުންގެ އަޑު ގެނެސްދިނުމަށް ޚާއްސަ އިސްކަމެއް ދެއްވިކަމަށް ފާހަގަކުރެއްވިއެވެ. މަރީ ސިފަކުރެއްވި ގޮތުގައި ބްރޯޑްކާސްޓިން ދާއިރާގައި އިބްރާހިމް މަނިކުގެ 'ހިތްޕުޅާއި ރޫހުފުޅު ވެސް އޮންނެވީ ރޭޑިއޯގަ'އެވެ. ނަމަވެސް ރާއްޖޭގައި ޓީވީގެ ޚިދުމަތް ފުޅާ ކުރެއްވުމުގައި ވެސް އިބްރާހިމް މަނިކުގެ ދައުރު ބޮޑުކަމަށް މަރީ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލު ކުދިންގެ ލަވަ މުބާރާތްފަދަ މުހިންމު ކަންކަން ތައާރަފްކުރެއްވިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޭނާއާއި އޭނާއާ އެކު މީޑިއާގެ ދާއިރާއަށް ނުކުތް ގިނަ ބަޔަކު މި ދާއިރާއަށް ވަނުމުގައި އިބްރާހިމް މަނިކުގެ ދައުރު ނުސީދާ ގޮތުން ނަމަވެސް ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ