ޢަމަލަކުން މަންފާއެއް ކުރާނީ އަޤީދާ ޞައްޙަވެގެން - ޚުތުބާ

ސައްހަ އަގީދާއަކާނުލައި ކުރާ އެއްވެސް އަމަލަކުން އިންސާނާއަށް މަންފާ ނުކުރާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
"އަގީދާ ސައްހަނުވެ އެއްވެސް އަމަލެއް ސައްހައެއްނުވާނެއެވެ. ހަމަ އެފަދައިން ސައްހަ އަގީދާއަކާއި ނުލައި ކުރާ އެއްވެސް އަމަލަކުން މަންފާއެއް ނުކުރާނެއެވެ،" ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި ވިދާޅުވީ ދުންޔަވީގޮތުން ބޭނުންވާ ގިނަ މާއްދާތައް ދަރިންނަށް ކިޔަވައި ދިނުމަށްޓަކައި އެކަމަށް ގާބިލު ބޭފުޅުން ސްކޫލުތަކަށް ގެސްދަރިންގެ ސިކުނޑިތައް ހުޅުވައިދިނުމަށްޓަކއި ތަފާތު އެކި ހަރަކާތްތައް އެކި ހަރަކާތައް ސްކޫލުން ބޭރުގައި ބޭއްވޭ ކަމަށެވެ.
އެހެން ނަމަވެސް މި އެންމެހައި ކަންތައްތަކުގެ ތެރެއިން ނުކުރެވޭ އެއްކަމެއް އެބައޮތް ކަމަށާއި އެއީ އެކުދިންގެ އިސްލާމީ އަގީދާއާ ގުޅޭ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ. އަގީދާއަކީ އީމާންކަމުގެ އަސާސަށްވާއިރު މި އަސާސްގެ މައްޗަށް ދަރިން ތަރުބިއްޔަތުކޮށްގެން މެނުވީ ރަނގަޅު ޖީލެެއް ބިނާ ނުކުރެވޭނެ ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.
ހުތުބާގައި ވިދާޅުވީ ޅަދަރިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދައަށް ބިންވަޅު ނެގިފައިނުވާނަމަ، އެ ދަރިން އިސްލާމް ދީނާ ހިލާފު އެކި އެކި އޮއެވަރުތަކުގައިޖެހި ހައްގުގެ މަގުން އެއްކިބާވެގެން ދިޔުމަކީ ދާދި ގާތުވައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށް ކެނޑިނޭޅި އުފައްދާ ޝުބުހަތަކާއި ޝައްކުތަކުގެ ޝިކާރައަކަށް އެކުދިން ވެދާނެތީ އެކަމާމެދު ސަމާލުވާންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުން އާންމުވެފައިވާ މިފަދަ ޒަމާނެއްގައި ދަރިންނަކީ ދީނުގެ ފުރިހަމަ މައުލުމާތު ލިބިފައިވާ އަދި ސައްހަ އަގީދާގެ މަތީގައިވާ ދަރިން ކަމުގައިވާނަމަ، އެފަދަ ވަސީލަތްތަކުގެ ޒަރީއާއިން އެކުދިންގެ ސިކުނޑިތަކާއި ކުޅެލަން ފަސޭހަނުވާނެ ކަމަށްވެސް ހުތުބާގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ