ފަޅު ރަށެއްގެ ގޮތުގައިވާ ކަނދޮޅުދޫގެ ރަށްވެހިންގެ ގޮތުގައި އަދިވެސް 2,500 މީހުން އެބަތިބި

ސުނާމީގައި ލިބުނު ގެއްލުންތަކާ ގުޅިގެން ރަށުން މީހުން ބާލަން މަޖުބޫރުވި ރ. ކަނދޮޅުދޫގެ ރަށްވެހިންގެ ގޮތުގައި އަދިވެސް 2,500 މީހުން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އަޙުމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މެމްބަރު އިސްމާއީލް މިފަދައިން ވިދާޅުވީ އޭނާގެ ލިޔުއްވުމެއްގައެވެ.
ސުނާމީގައި ލިބުނު ގެއްލުންތަކާއެކު، ކަނދޮޅުދޫގެ ރައްޔިތުންނަށް އެހެން ރަށްރަށަށް ވަގުތީ ގޮތުން ދިރިއުޅުން ބަދަލުކުރަން ޖެހުނެވެ. ސުނާމީއާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށަކީ ކަނދޮޅުދޫއެވެ.
ކަނދޮޅުދޫ މީހުން ބުނާ ގޮތުގައި އެރަށަށް ބިންދާލި ސުނާމީގެ ބިޔަ ރާޅުތަކުގެ އުސްމިނުގައި 12 ފޫޓް ވަރު ހުންނާނެއެވެ. އެކާރިޘާގައި ރަށުގެ މިސްކިތް ފިޔަފައި ހުރިހާ އިމާރާތެއްހެން ހަލާކުވެ ސުންނާފަތިވިއެވެ.
ކަނދޮޅުދޫ ރައްޔިތުން ވަގުތީގޮތުން އެކި ރަށްރަށުގައި ދިރިއުޅުނު ނަމަވެސް މީގެ އަހަރުތަކެއް ކުރިން ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކޮށް އެ އަތޮޅުގައި އޮތް ފަޅުރަށެއް ކަމަށްވާ ދުވާފަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބޭރުގެ ފަރާތްތައް ހާއްސަކޮށް ރެޑްކްރެސެންޓްގެ އެހީއާއެކު ސަރުކާރުން ފެށިއެވެ.
ދުވާފަރުގައި މީހުން އާބާދުވީތާ 15 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާއިރު، އަދިވެސް 2,500 މީހުން ކަނދޮޅުދޫގެ ދަފުތަރުގައި ތިބުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއްގެ ގޮތުގައި މެމްބަރު އަޙުމަދު އިސްމާއީލް ސިފަކުރައްވައެވެ.
އަދި ހާއްސަކޮށް 31 ޑިސެންބަރު 2023 ގެ ފަހުން ރ. ކަނދޮޅުދޫގެ އެޑްރެހެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ފުރުސަތު ގެއްލުމަކީ ވަރަށް ހައްސާސީ މައްސަލައެކެވެ.
އޭނާގެ ލިޔުއްވުމެއްގައި ވިދާޅުވާ ގޮތުގައި، ދާއިމީ ރަޖިސްޓަރީ އާއި ރަށްވެހިކަން ފުރިހަމަކުރުމަށް އޮތް ހައްލަކީ "ދުވާފަރު ދަފުތަރު"އެވެ.
ދުވާފަރު ރައްޔިތުންތަކެއް އަސާސީ އެތައް ކަމަކުން މަހުރޫމުވެދާނެ މި ބޮޑު މައްސަލައަށް، ކައުންސިލްގެ އަޣުލަބިއްޔަތާއެކު ބާރުލިބިގެން ފާސްކުރާ ގަރާރަކުން އުފައްދާ މިދަފުތަރުން އެކަށީގެންވާ ނިމުމެއް ގެނެއުމުގެ ފުރުސަތު ނުހަނު ބޮޑުކަމުގައި ވަނީ ލިޔުއްވުމުގައި ފާހަގަކުރައްވާފައެވެ.
މިގޮތުން 2010 ވަނަ އަހަރު ފަޅުރަށެއްގެ ގޮތުގައި އިއުލާންކޮށްފައިވާ ކަނދޮޅުދޫގެ ރަށްވެހިންގެ ގޮތުގައި މި ވަގުތުވެސް ތިބި 2,500 އަށްވުރެ ގިނަ ރައްޔިތުންގެ ރަށްވެހިކަން ދުވާފަރަށް ބަދަލުވުމުގެ ފުރުސަތު ފަހިވެ ދިއުމާއެކު މި މައްސަލައަށް އެދެވޭ ހައްލެއް ކަށަވަރުކުރެވިގެން ދާނެކަަމަށް އަހުމަދު އިސްމާއީލް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ