ރ. އަތޮޅު ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނަށް ހަދިޔާކުރަނީ

ރ. އަތޮޅު ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއްގެ ފައިސާ ހާލުގައިޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް ހަދިޔާކުރަން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ، ބުރާސްފަތި ދުވަހު ނިމުނު ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023ގެ ފައިނަލު މެޗު ފެށުމުގެ ކުރިން ވާހަކަ ދައްކަވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފެވެ.
ނާސިފް ވިދާޅުވި ގޮތުގައި، ފަލަސްތީނަށް ހަދިޔާކުރަނީ ޖުމުލަ 105،179 އަށްވުރެ ގިނަ ރުފިޔާއެވެ.
މިއީ ހޭންޑްބޯލް މުބާރާތުގެ މެޗުތައް ކުރިއަށްދިޔައިރު ބެހެއްޓި ފަންޑު ފޮށްޓަށް އަންގާރަ ދުވަހުގެ ނިއަލަށް ޖަމާވި 5،179 އާއި އަތޮޅު ކައުންސިލްގެ ބަޖެޓުން ހަދިޔާކުރާ 100،000 ރުފިޔާއެވެ.
ނާސިފް ވިދާޅުވީ، ފައިނަލް މެޗު ކުޅުނު ވަގުތު ވެސް ފަންޑު ފޮށި ބަހައްޓާފައިވާއިރު ބުރާސްފަތި ދުވަހު ޖަމާވި ފައިސާވެސް ހަދިޔާކުރާ ފައިސާގެ ތެރެއަށް އެއާ އެއްކުރެވިގެންދާނެ ކަމަށެވެ.
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކުރި ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023 އިން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ މެޗުތައް ކުޅުނު ދަނޑުގެ ވަށައިގެން ފަލަސްތީނުގެ ދިދަ ހަރުކޮށްފައި ހުއްޓެވެ. މިކަމުން ހާމަވެގެންދިޔަ އެއް ކަމަކީ ރ. އަތޮޅަށް ހޭންބޯޅައިގެ ފޯރި އައި ނަަމަވެސް، ރ. އަތޮޅު ކައުންސިލާއި ރ. އަތޮޅުގެ ރައްޔިތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާންނައްތާނުލާ ކަމެވެ.
މުބާރާތުގެ މެޗުތައް ކުޅެމުންދިޔައިރު ދަނޑުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލި ނަމަވެސް ލޮލުގައި އަޅައިގަންނަ ރަތާއި ފެއްސާއި ހުދާއި ކަޅުގެ ދިދައިން ރަމުޒުކޮށްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެވެ. މިއަދު އެ މިނިވަންކަން ގަދަބާރުން ބަޔަކު ނިގުޅައިގަނެފައިވާއިރު އެކަމާ ދެކޮޅަށް ރ. އަތޮޅު އޮތް ކަމުގެ ހެއްކަކަަށް އެ ދިދަތައް ފުދެއެވެ. މުޅި ދަނޑުން ދިން މެސެޖަކީ ”އަހަރެމެން މިތިބީ ފަލަސްތީނާއެކު“ ކަމެވެ.
ނާސިފް ވިދާޅުވީ ފަންޑަށް ލިބުނު ފައިސާގެ އިތުރުން އެއްލައްކަ ރުފިޔާ ހަދިޔާކުރާނީ އިންސާނީ އެހީދޭ ޖަމިއްޔާއެއް މެދުވެރިކޮށް ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ