ޓެކްސީ ފްލީޓް ވާނީ ފެއިލް, އެންމެ ރަނގަޅު ވާނީ ޓެކްސީ މީޓަރު ތައާރަފުކުރުމުުން: އެސޯސިއޭޝަން
ސަރުކާރުން ތައާރަފު ކުރަން މަސައްކަތްކުރާ ޓެކްސީ ލައިންގެ ޚިދުމަތް ވާނީ ފެއިލް ކަމަށާއި، މާލެ ސަރަހައްދުގައި ޓެކްސީ ކުރާ ޑްރައިވަރުންގެ މައްސަލަތަކަށް އެންމެ ރަނގަޅު ހައްލެއް ލިބޭނީ ޓެކްސީ މީޓަރުތައް ތައާރަފުކޮށްގެން ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހީމް ނިޔާޒު ވިދާޅުވީ މި ސަރުކާރުން ވަނީ ޓެކްސީ ޑްރައިވަރުން ބާކީކޮށްފައި ކަމަށެވެ. ޓެކްސީގެ ޚިދުމަތްތަކާ ގުޅޭގޮތުން ސަރުކާރުން ކުރާ މަސައްކަތުގައި ޑްރައިވަރުންނާ އެއްވެސް މަޝްވަރާކޮށްފައެއް ވެސް ކޮށްފައި ނުވާ ކަމަށާއި، އެކަންކަން ކުރިއަށް ގެންދަނީ ވަރަށް ސިއްރުކޮށްގެން ކަމަށް ނިޔާޒު ވިދާޅުވިއެވެ. މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ. ސަރުކާރު ކުންފުނި އެމްޓީސީސީއާ ހަވާލުކޮށްގެން ޓެކްސީ ފްލީޓެއް ތައާރަފު ކުރަން އުޅޭއިރު އެކަމުގެ ކަންބޮޑުވުން ޓެކްސީކުރާ ޑްރައިވަރުން ފާހަގަކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން އިބްރާހީމް ނިޔާޒު ވާހަކަދައްކަވަނީ -- އެކަމަށް އިޝާރާތްކުރައްވައި ނިޔާޒު ވިދާޅުވީ ޓެކްސީ މަޝްރޫއުގެ ތެރެއިން އިތުރަށް ގެނެވޭ ކާރުތަކަކުން މާލޭގެ ޓެކްސީ މައްސަލަ ހައްލެއް ނުކުރެވޭނެ ކަމަށެވެ. އެކަމަށް ހައްލެއް ގެނެވޭނީ ވެސް ޑްރައިވަރުންނާ މަޝްވަރާކޮށްގެން ޑްރައިވަރުންގެ ވެސް ބައިވެރިވުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހައްލަކީ ޓެކްސީ މީޓަރު ތައާރަފުކުރުންކަން އޭނާ ފާހަގަކުރެއްވިއެވެ. ޓެކްސީ ފްލީޓް ވާނީ ފެއިލް. ޑްރައިވަރުންގެ ބަހެއް ނެތި، ޑްރައިވަރުންގެ މަޝްވަރާއެއް ނެތި ޓެކްސީގެ މައްސަލަ ހައްލެއް ނުކުރެވޭނެ އިތުރުކުރެވޭ ކާރުތަކަކުން ވެސް. މިތަނަށް އެންމެ ފީސިބަލް ވާނީ ޓެކްސީ މީޓަރު ތައާރަފުކުރުން. 2014 ވަނަ އަހަރު އަޅުގަނޑުމެން އޮންނާނީ އެކަމާ ގުޅޭގޮތުން ސާވޭއެއް ވެސް ކޮށްފައި، އިބްރާހީމް ނިޔާޒު ނިޔާޒު ވިދާޅުވި ގޮތުގައި ޓެކްސީ މީޓަރު ތައާރަފުނުކޮށް ޓެކްސީތައް އިތުރުކުރުމުން ޑްރައިވަރުންނަށް ލިބޭ ހައްގުތަކުން އެބަ މަހުރޫމުވެއެވެ. ޓެކްސީ ފްލީޓް ހަދަން ދައުލަތުން އެހާ ބޮޑު ޚަރަދެއް ކުރާއިރު، އޭގެން އެންމެ ޕަސެންޓެއް ވެސް އެ ދާއިރާ ހަރުދަނާކުރުމަށް ޚަރަދުކުރާނަމަ މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޓެކްސީ ފްލީޓަކީ ދައުލަތުން ކުރާ އިސްރާފެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސަރުކާރުން ޓެކްސީ ޑްރައިވަރުންނަށް ޖައްސާ ނިކަމެތި ހާލާ ދޭތެރޭ ހުރިހާ ޓެކްސީ ޑްރައިވަރުން ވެސް ވިސްނަންޖެހޭކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް ޓެކްސީ ޑްރައިވަރުން ނެގުމުގެ ކަންކަމަކީ 'ސްކޭމް'އެއް ކަމަށެވެ. މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެމްޓީސީސީން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ. އެ އިއުލާނުގައި ވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އިއުލާނުކޮށްފައިވާއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ. އެ މަސައްކަތާ ގުޅޭ ތަފުސީލު ފަހުން ހާމަ ކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ހަތްވަރަކަށް އަހަރު ކުރިން ވެސް ޓެކްސީ މީޓަރު ބޭނުންކުރަން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ނިންމިއެވެ. ނަމަވެސް ފަހުން އެކަން ވެފައެއް ނުވެއެވެ. މިދިޔަ އޭޕްރިލް މަހު ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ، ޖުލައި މަހު ސަރުކާރުގެ ޓެކްސީގެ ޚިދުމަތް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު، ޖޫން މަހު އޭނާ ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށެވެ. https://www.sun.mv/198786 އެހެންނަމަވެސް އެ މުއްދަތުގައި ވެސް ޚިދުމަތް ފެށިފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު "ސަން"އިން ސުވާލުކުރުމުން އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތަށް ތައްޔާރުކުރުމުގެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި، ކާރުތަކުގެ ބައެއް ބައިތަކަށް ބަދަލު ގެންނަން އަންގާފައިވާނެ ކަމަށެވެ. ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް ވިދާޅުނުވި ނަމަވެސް، އެ ތާރީޚު ފަހުން އަންގަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ޚިދުމަތް ފެށުމުން، ޓެކްސީ ކުރާ އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ވާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކޮށްފައިވީ ނަމަވެސް، އަމީން ވަނީ ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނާ ބައްދަލު ކުރެއްވި ކަމަށާއި ޑްރައިވަރުންނަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަމީން މީގެ ކުރިން ވަނީ، ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ