ގައުމީ ތަރައްގީއަށް މުހިންމު ދާއިރާތަކަށް ރިސާޗް ގްރާންޓް ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލައިފި
ނެޝަނަލް ރިސާޗް ފަންޑް (އެންއާރުއެފް)ގެ ދަށުން 'އިމާޖިން ރިސާޗް ގްރާންޓްސް' (އެންއާރްއެފްއީއާރުޖީ) އަށް ރިސާޗް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ހަަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފުރުސަތަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި މި ގްރާންޓް ފަންޑުގެ ސަބަބުން، އިލްމީ ދިރާސާކުރުމަށް މާލީ އެހީތެރިކަން ލިބި، އައު ދިރާސާވެރިން ބިނާކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ ނެޝަނަލް ރިސާޗް ފަންޑްގެ ރިސާޗް ގްރާންޓް މެނޭޖަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް ޔުނިވާސިޓީއާއި ވިލާ ކޮލެޖް ކަމަށެވެ. މި ތިން ތަނުން މި ގްރާންޓްތަކަށް ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިގަނެ، އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ. މި ގްރާންޓް ސްކީމްގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމަށް ހިތްވަރުދީ، ގައުމީ ފެންވަރުގައި ކުރެވޭ ދިރާސާތަކުގެ ގާބިލްކަން އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ. މި ގްރާންޓްތަކުގެ ދަށުން ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ގައުމީ ތަރައްގީއަށް މުހިންމުކަމަށް ކަނޑައަޅާފައިވާ މައިގަނޑު ދާއިރާތަކުގެ ދިރާސާތަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ: • ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް • އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ • ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން • ގްރީން އެޖެންޑާ ރިސާޗް ގްރާންޓް މެނޭޖަރުންގެ ގޮތުގައި ހަރަކާތްތެރިވާ ތިން ތަނުން ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކަކީ: • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ: ޖެނުއަރީ 31، 2026 • ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ: ޑިސެންބަރު 7، 2025 • ވިލާ ކޮލެޖް: ޑިސެންބަރު 30، 2025
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ