ދާއިރާގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެ ދާއިރާގެ ރައްޔިތުން ވޯޓު ދީފި ނަމަ، ވަކި ކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް މަޖިލީހަށް ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވީ މިދިޔަ އޭޕްރީލް 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.އެކަމަކު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ހަސަން ހުށަހެޅުއްވި އިސްލާހުތައް އިއްޔެގެ ވަގުތެއްގައި އޭނާ އަނބުރާ ގެންދަވާފައިވާ ކަމަށް އިއުލާން ކުރައްވާފަ އެވެ.މިއިސްލާހުތައް އަނބުރާ ގެންދެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވަނީ މެންބަރުން އަނބުރާ ގެންދަވާފައިވާ އިތުރު އިސްލާހުތައް ވެސް ވިދާޅުވެފަ އެވެ.އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަކާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާހެއް ވެސް އެ ދެ މެންބަރުން އަނބުރާ ގެންދަވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.މިހާރު މި ހިނގަނީ 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާތަކެވެ. މަޖިލީހުން ނިންމާފައި ވަނީ އެންމެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ