ޖަޕާނާއެކު އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޖަޕާނުގެ ސަފީރު ވަނީ، ދިވެހިރާއްޖެއާ، ޖަޕާނާ ދެމެދުގައިވާ ޒަމާންވީ، ބަދަހި ގުޅުން ކުރިޔަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 60އަހަރު ފުރުން، ކުރިޔަށް އޮތްއަހަރު ފާހަގަ ކުރުމަށް ތައްޔާރުވަމުން ދާއިރު، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް، ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެޔަށް، ދެއްވަމުން ގެންދަވާ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރައްވަމުން، މީހުން ބިނާކުރުމާ، ޢުމުރާނީ ތަރައްގީއާއި، ތަޢުލީމާ، ކުޅިވަރު ކުރިއެރުވުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ކާރިސާ މެނޭޖްކުރުމުގެ އިތުރުން އިޖުތިމާޢީ ގުޅުންތައް ތަރައްގީ ކުރުމުގެ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަން ޚާއްޞަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަ ކުރެއްވިއެވެ. އަދި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އުފެދެމުންދާ ގުޅުމަށް މަރުޙަބާ ވިދާޅުވެ، ފަތުރުވެރިކަމާ، އިގްތިސާދީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން، ދެބޭފުޅުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއަށް އޮތް ތާނގައިވެސް، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ