ރައީސްގެ ތުހުމަތެއް: ޔާމީންގެ ޝަރީއަތް ލަސްކުރީ އެމްޑީޕީގެ ނުފޫޒުން

ހައިކޯޓަށް ހުށަހަޅާފައި އޮތް ކުރީގެ ރައީސް އަބްދުالله ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ލަސްކުރީ އިދިކޮޅު އެމްޑީޕީގެ ނުފޫޒުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތުހުމަތު ކުރައްވައިފިއެވެ.
މި މައްސަލައިގެ ހުކުމް މާދަމާއަށް ތާވަލްކޮށްފައި ވަނިކޮށް ކޮންގްރެސް ޕާޓީއިން މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބާރު އޮތީ އެމްޑީޕިއަށް ކަމަށެވެ.
ރައީސް ވިދާޅުވީ މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުން އެކަން ސާބިތުވެއްޖެ ކަމަށެވެ. އެގޮތުން މަޖިލިސް ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ މަޖިލިސް ރައީސް މުހައްމަދު އަސްލަމް އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ, އެހެން ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މައްސަލަ އެޖެންޑާކޮށްފައިވާ ކަމަށެވެ.
"ހަމަ އެވާހަކަ ވިދާޅުވީތާ ދެ ތިން ދުވަސް ތެރޭ މިހާރު އެއޮތް މާދަމައަށް ޝެޑިއުލޮކޮށްފައި. މިއޮތްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ އެ ބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަކުރެވޭ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, މި ކަމުގެ ޖުޑީޝަރީގައި އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމަށާއި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
"ހިތާމަކުރަން. އަޅުގަނޑު ވައުދުވިން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަމޭ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މައްސަލަ އިންސާފުވެރިކަމާއެކު ބަލައި ނިންމައިދޭން މީގެ ކުރިން ވެސް އެތައް ފަހަރެއް މަތިން އެމަނިކުފާނު ގޮވާލާފައިވާނެ ކަމަށާއި އިންތިހާބު ވުމަށް ފަހު އެންމެ ފުރަތަމަ ގޮވާލެއްވީ ވެސް ޔާމީން ގެއަށް ބަދަލުކޮށްދެއްވަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ