ނޫސްވެރިކަމުގެ އެތިކްސް ކޯސް ހިންގަން 5 ފަރާތެއް ތަމްރީންކޮށްފި

ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައި ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތެއް ތަމްރީންކޮށްފިއެވެ.
މި ކޯސް ހިންގަނީ އެލިނިއަރ އިންޓަރނޭޝަނަލްއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޕީ.އެސް.އެމްގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެންނެވެ.
ކޯހާ ގުޅޭގޮތުން މަޢުލޫމާތު ދެމުން އެތިކްސް ކޯހުގެ ލީޑް ޑިވަލޮޕަރ ރާއީ މުނައްވަރު ވިދާޅުވީ މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވާ ނޫސްވެރިންނަށް ވީތީ ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑު، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދަސްކޮށްދިނުމަށް ހިންގާ ކޯހެއް ކަމަށެވެ. އަދި ކޯސް ހިންގޭ ފެންވަރަށް 5 ފަރާތެއް މިހާރު ތަމްރީންކުރެވުމުން ރާއްޖޭގައި ކޯސް ހިންގުމަށް އިތުރަށް ފަސޭހަވާނެކަމަށް ރާއީ ވިދާޅުވިއެވެ.
މީޑިއާ އެތިކްސް ކޯހަކީ ޔޫކޭ ޑިވަލޮޕްމެންޓްއިން ރާއްޖޭގައި ހިންގާ މޯލްޑިވްސް ކޮމިޔުނިކޭޝަން ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ހިންގަނީ މި ޕްރޮޖެކްޓްގެ ނޫސްވެރިކަން ތަރައްޤީކުރުމުގެ ގޮފީގެ ދަށުންނެވެ. މި ކޯސް ހިންގުމަށް ބްރިޓިޝް ހައި ކޮމިޝަނުން ހަވާލުކޮށްފައިވަނީ އެލީނިއަރ އިންޓަނޭޝަލްއާއެވެ. އެލިނިއަރ އިންޓަނޭޝަނަލްއަކީ ކެނެޑާގެ މުވާސަލާތީ ކުންފުންޏެކެވެ.
މީގެ ކުރިން މި ކޯސް އެލިނިއަރއިން ހިންގި ނަމަވެސް ކޯސް ހިންގޭ މީހުން ތަމްރީންވުމުން އެ ކުންފުނިން ވަނީ ރާއްޖޭގައި ކޯސް ހިންގަން 5 ފަރާތަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައެވެ. އެއީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީއާއި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވެސް މީޑިއާ ކައުންސިލްގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ