ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޝާމިން ޕީއެންސީއަށް

ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު ޝާމިން ހަބީބު ޕީއެންސީއާ މިއަދު ގުޅިވަޑައިގެންފިއެވެ.
މިކަން ޕީއެންސީން ވަނީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި އިއުލާނުކޮށްފައެވެ. އެއާއެކު 20 ވަނަ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 74 އަށް އަރާނެއެވެ.
ޝާމިން ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނިމިދިޔަ ވަނަ މަޖިލީހުގެ ދެ މެންބަރުންނާއި, ސަރުކާރު ކެންޑިޑޭޓާ ވާދަ ކުރައްވައިގެންނެވެ. އެއީ، ޕީއެންސީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގާއި، އެމްޑީޕީގެ ފަރާތުން މިހާރު ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރައްވާ އަލީ ނިޔާޒްއެވެ. އަދި އަމިއްލަ ގޮތުން ޝާމިންގެ އިތުރުން މިހާރު ކުރެންދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަބްދުލްގަނީ އަބްދުލް ހަކީމް ވެސް ވާދަކުރެއްވިއެވެ.
20 ވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއިން ވަނީ 90 ދާއިރާއަކަށް ވާދަކޮށް، މަޖިލީހުގެ 74 ގޮނޑިއާއެކު މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ. އަދި އިދިކޮޅު އެމްޑީޕީއިން 89 ދާއިރާއަކަށް ވާދަކޮށްފައިވާއިރު އެ ޕާޓީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ.
މީގެއިތުރުން އެމްޑީއޭއިން 2 ގޮނޑި ކާމިޔާބުކޮށްފައިވާއިރު ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީއަށް ކާމިޔާބު ކުރެވިފައި ވަނީ މަޖިލީހުގެ އެންމެ ގޮނޑިއެކެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓަކު ވެސް ވަނީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް ޑިމޮކްރެޓްސް އަދި އަދާލަތު ޕާޓީއިން ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ