މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގަތީ ރަނިންމޭޓުކަން ޔަގީީންކުރެއްވުމަށް: މެމްބަރު ތާރިގު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ އިންޑިއާއަށް ވަޑައިގެންނެވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓްކަން ކަށަވަރުކުރެއްވުމަށްކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.
މެމްބަރު ޠާރިގު މިފަދައިން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ އިންޑިއާއަށް ވަޑައިގަތުމަށްފަހު، އެކަން ހިއްސާކުރައްވާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
މިނިސްޓަރު ޝާހިދުގެ ޓުވީޓުގައި ވަނީ، މިއަދު ދިވެހި ރައްޔިތުން ފިތުނައެއް ބަލައިނުގަންނާނެކަން ފާހަގަކުރައްވައި، އެމްޑީޕީއާ ވާދަކޮށްލަން ބޭނުންނަމަ، ހަރުދަނާ ސިޔާސަތެއް ހިފައިގެން ނިކުތުމަށް ގޮވާލާފައެވެ.
އެ ޓްވީޓަށް ރައްދުދެއްވަމުން، މެމްބަރު ވިދާޅުވީ، މިނިސްޓަރު ޝާހިދުގެ ސިޔާސަތު އޮންނަނީ އަވައްޓެރި ގައުމެއްގެ" އުނގުގައި" ކަމަށާއި މިނިސްޓަރު ޝާހިދަށް ކުރާ އިހުތިރާމް ގެއްލުނީ އދ.ގެ ރިޔާސަތަށް އެރުމަށް ދިވެހި ޤައުމު ގުރުބާންކުރި ހިސާބުން ކަމަށެވެ.
މިނިސްޓަރ ޝާހިދު، ރައީސް ޞާލިޙްގެ ރަނިންގްމޭޓުކަން ކަށަވަރުކުރުމަށް އިންޑިއާއަށް ވަޑައިގެންނެވީކަމަށް މެމްބަރު ޠާރިގު ވިދާޅުވިއިރު، ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕެއިން ފެއްޓެވުމަށް ބޭއްވި ޖަލްސާގައިއާއި، އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުގައި ނައިބުރައީސް ފައިސަލް ނަސީމް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މިނިސްޓަރ ޝާހިދުގެ ދަތުރުފުޅާގުޅޭ މައުލޫމާތު ހިއްސާކޮށް ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށެވެ. މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އަދި އެ އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ރައީސް ސޯލިހް، ދެވަނަ ރިޔާސީ ދައުރެއްގެ ކެމްޕޭން ފައްޓަވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ޝާހިދު ކަނޑައެޅުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ