ރައީސްގެ ކެމްޕެއިން ލަވައަކަށް ހޯރަފުށީގައި ސްކޫލް ކުދިން ނަށުވައިފި

ހއ. ހޯރަފުށީގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ކެމްޕެއިން އިވެންޓެއްގައި ސްކޫލް ކުދިންތަކެއް ލައްވައި ލަވައަކަށް ނެށުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ކުރިއަށް އޮތް އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިމަހުގެ 19 ވަނަ ދުވަހު ރައީސް ޞާލިޙް ހޯރަފުށްޓަށް ވަޑައިގެންނެވިއެވެ.
ރައީސްގެ ކެމްޕެއިން ދަތުރުފުޅަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވައަކަށް ދަރިވަރުންތަކެއް ނަށާފައިވަނީ އެރަށުގައި ބޭއްވި "ބަނދަރު ބައްދަލުވުމުގައެވެ." މި ބައްދަލުވުން ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓްވެސް ކުރިއެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުދިންނަކީ ހޯރަފުށީގައި ހުންނަ ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންތަކެކެވެ.
ދަރިވަރުން ނަށާފައިވަނީ ހޯރަފުށްޓަށް މިސަރުކާރުން ގެނެސްދިން ތަރައްޤީގެ މައްޗަށް އަލިއަޅުވާލާފައިވާ ލަވައަކަށެވެ. އެ ލަވައިގައި މިދައުރުގައި އެރަަށަށް ގެނެސްދިން ތަރައްޤީއަށް ރައީސްއަށް ޝުކުރު އަދާކޮށްފައިވެއެވެ.
މިއީ ކެމްޕެއިން އިވެންޓެއްގެ ތެރެއިން ސްކޫލް ކުދިންތަކެއް ލައްވާ ހުށަހެޅި އައިޓަަމަކަށްވާތީ ސޯޝަލްމީޑިއާގައި ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ. ސަބަބަކީ ދަރިވަރުން ސިޔާސީ ކަންކަމުގައި ޝާމިލުކުރުމަކީ މިސަރުކާރުން ތަރުހީބުދޭ ކަމެއް ނޫންކަމަށް މީގެކުރިން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވެފައި ވާތީއެވެ.
މީގެކުރިން ސިޔާސީ ހަރަކާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހއ. އިހަވަންދޫއަށް ވަޑައިގަންނެވިއިރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ސްކޫލު ދަރިވަރުން ނެރެން އެންގި މައްސަލައެއްވެސް ހޫނުވެފައިވެއެވެ.
އެ މައްސަލަ ހޫނުވުމުން އެޑިޔުކޭޝަން މިނިސްޓްރީންވަނީ ސްކޫލްތަކަށް ސާކިއުލަރއެއް ފޮނުވާފައެވެ.
ސިޔާސީ ކަންކަމުގައި ދަރިވަރުން ނެރުމަކީ، ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ، އެކަން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން މިނިސްޓަރު ވަނީ 3 ސެމްބަރު 2018 ގައި ފޮނުއްވި ސާކިއުލަރގައި މިކަމަށް އެދިވަޑައިގެންފައެވެ.
ރައީސްގެ ކެމްޕެއިން ލަވައަކަށް ހޯރަފުށީގައި ސްކޫލް ކުދިން ނެށުވި މައްސަލައިގައި "ވީނިއުސް" އަށް ކޮމެންޓެއް ދޭން ހއ. އަތޮޅު މަދަރުސާއިން ވަނީ އުޒުރުވެރިވެފައެވެ.
މިކަމާ ގުޅިގެން ސްކޫލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން "ވީނިއުސް" އަށް ބުނީ އެއީ ސްކޫލުން އިންތިޒާމްކުރި ކަމެއް ނޫން ކަމަށާއި އަމިއްލަ ގޮތުން އެ ރަށުން ހުށަހެޅި ކަމެއް ކަމަށެވެ.
ރައީސް ޞާލިޙްގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރވެސް ހިމެނިވަޑަައިގަންނަވާހެން ސަރުކާރުގެ އިސްބޭފުޅުން ކެމްޕެއިން ހަރަކާތްތަކަށް ބައެއް ރަށްރަށަށް ވަޑައިގެންފައިވާއިރު އެކި ރަށްރަށުން އެބޭފުޅުންނަށް މަރުޙަބާ ދަންނަވަން ދަރިވަރުން ނެރެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ