މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން މުއިއްޒު ވެސް ވައުދުވެވަޑައިގެންފި

މިނިވަންކަމާ އެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ރޭ ވައުދުވެވަޑައިގެންފި އެވެ.ރޭ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ގައުމުގެ ޑިމަކްރަސީ ވަރުގަދަކުރުމަށްޓަކައި ނޫސްވެރިކަމަކީ އެންމެ މުހިންމު ދާއިރާ ކަމަށެވެ. އަދި ސަރުކާރެއް ޖަވާބުދާރީ ކުރުވުމުގައި ވެސް އެއީ އެންމެ މުހިންމު ދާއިރާކަަމަށް ވިދާޅުވިއެވެ.އެހެން ނަމަވެސް، މިހާރު ނޫސްތައް ހިނގަނީ މިނިވަންކަމާއެކު ނޫންކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ."ނޫސްވެރިކަމުގެ ދާއިރާ އަޅުވެތި ކުރެވިފައި މި އޮންނަނީ. ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން. މިހާރު ވެއްޖިއްޔާ ރައީސް އޮފީހުން ވެސް ފައިސާ ދޭ ވާހަކަ އަޑުއިވޭ،" މުއިއްްޒު ވިދާޅުވިއެވެ.މީގެ އިތުރުން، ނޫސްވެރިކަމަށް އަލަށް ވަންނަން ބޭނުންވާ މީހުންނަށް ތަމްރީނުތަކުގެ ފުރުސަތު ވެސް ފަސޭހަގޮތެއްގައި ނޯންނަކަމަށް އޭނާ ވިދާޅުވިއެވެ. ޒަމާނީ ޑިމަކްރަސީއެއް ހާސިލުކުރަން ބޭނުންވާއިރު، ނޫސްވެރިކަން މިނިވަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ."އެހެންވީމާ ދައުލަތުގެ ބަޖެޓުން ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލުން، ގާނޫނަށް ބަދަލު ގެނެސްގެން ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއްގެ އެހީ ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ކަހަލަ މީޑިއާތަކަށް ފައިދާވާނެ ގޮތަށް ދޭން ހުށަހަޅާނަން." މުއިއްޒު ވިދާޅުވި އެވެ.އޭނާގެ ވެރިކަމެއްގައި މިނިވަންކަމާ އެކު ނޫސްވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ރޭ މުއިއްޒު ދެއްވި އެވެ.ސަރުކާރުގެ ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ވަކި މިންވަރަކަށް ފައިސާ ދިނުމަށް ދެން އަންނަ ދައުރުގައި ސިޔާސަތުތައް އެކުލަވައިލުމަށް އެމްޑީޕީއިން ހުށަހަޅައިފައިވާ މެނިފެސްޓޯގައި ވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ