ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަމީތު، ދިވެހި ރައްޔިތުންގެ ޑިމިކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކުރައްވައިފިއެވެ.
އޭނާ އެމްޑީޕީ އަށް ސޮއި ކުރައްވާ، މެމްބަރުޝިޕް ފޯމު ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށެވެ.
އަމީތު، އެ ޕާޓީއަށް ސޮއި ކުރެއްވިއިރު، އޭނާ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން މީގެކުރިން ވެސް ހާމަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަމީތު މީގެކުރިން ސޯޝަލް މީޑިއާ އަށް ދޫކުރައްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ އިގްތިސާދީ, ސިޔާސީ އެތައް ގޮންޖެހުމެއް ގިރާކުރައްވާ, ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސާލިހު ވަނީ ކެތްތެރިކަމާއި ޙިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައި ކަމަށެވެ.
''ގައުމަށް މިވަގުތު އެންމެ މުހިންމީ ހަޖެހުމާއި ދެހެއްޓެވިނިވި ތަރައްގީ'' އަމިތު ވިދާޅުވެފަވެއެވެ.
އަމީތަކީ މިހާރުގެ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. މި މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކަމުގައި ކަނޑައަޅުއްވައި، މިހާރު ގެންދަވަނީ ކެމްޕެއިން ވެސް ކުރައްވަމުންނެވެ. އަދި އެ މަނިކުފާނުގެ ރަނިންމޭޓުގެ ގޮތުގައި ހަމަޖައްސަވާފައވަނީ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރ ޑރ. މުހައްމަދު އަމީނެވެ.
އަމީތަކީ ރައީސް ޔާމީންގެ ދުވަސްވަރު އޭރު އޮތް ރައްޔިތުންގެ މަޖިލިސްއިން ޕީޕީއެމް ދޫކުރައްވާ އިދިކޮޅާ ގުޅުނު 12 މެންބަރުންކުރެ މެންބަރެކެވެ. ދައުލަތުގެ ބާރުތަކުގެ މައްޗަށް އޭރު ރައީސް ޔާމީން ހިންގަމުންއައި ބާރުވެރިކަން ފުރޮޅުނު ހާލަތަކީ އެ މެންބަރުން ޕީޕީއެމުން ވަކިވެ، އިދިކޮޅާ ގުޅުންކަމަށް އޭރު ގިނަބަޔަކު ގަބޫލުކުރިއެވެ. ޕީޕީއެމަށް މަޖިލިސްގެ ސްޕާ މެޖޯރިޓީ ގެއްލި، އިދިކޮޅު ހަރަކާތަށް ދިރުންއައީ އެހިސާބުންނެވެ. ނަމަވެސް އަމީތު ފިޔަވައި އެހެން މެންބަރަކަށް ރައީސް ޞާލިޙްގެ ސަރުކާރުން ފުރުސަތެއް ދީފައެއް ނުވެއެވެ.
މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު އެމްޑީޕީ އަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ