ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމުގެ މުހިންމު ކަން ބޮޑުކަން ފާހަގަ ކުރައްވާ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އާ ޓާމިނަލް މިނިވަން ދުވަހު ހުޅުވުމަށް ނިންމެވީ ގަސްތުގައި ކަމަށެވެ. އެއީ ވަރަށް މުހިންމު މަގްސަދެއްގައި ނިންމެވި ނިންމެވުމެއް ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިގްތިސާދީ މިނިވަންކަމުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓް ކަމަށެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު ވީއައިއޭގެ ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ކުރީން އޮތީ އިންޑިއާގެ ޖީއެމްއާރު އަތުގަ އެވެ. އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.
ރާއްޖޭގެ ތާރީހާއި ސަގާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓާމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ގުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެ އެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް
އައު ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، 6 ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗާ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖާ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކޮށްފައިވާ ޓާމިނަލެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޓާމިނަލް ހުޅުވީ 1981 ވަނަ އަހަރުގަ އެވެ.
އިގްތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއާޕޯޓް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ