މިނިވަންވެތިބެގެން އަޅުވެތިވާށެވެ!

މިއަދު ދިވެހިންގެ ކަންފަތްތަކަށް މި އިވެނީ މިނިވަންކަމުގެ ޝިޢާރުތައް އުފުލޭ އަޑެވެ. މިއަދު ދިވެހިންގެ ލޯތަކަށް މި ފެންނަނީ މިނިވަން ކަމުގެ ޝިޢާރުތައް ތަމްސީލުވާ މަންޒަރެވެ. މިނިވަންކަމުގެ ކުލަ އަލިގަދަ ވެފައި ތޫނެވެ. އޭގެ އަސަރު ހިތްތަކަށް ކުރާލެއް ބޮޑެވެ. މިނިވަން މި ލަފުޒުން އުފެދެނީ އުފާވެރި ޝުޢޫރެވެ. ތުންފަތަށް ގެނެސްދެނީ ހިނިތުންވުމެވެ. ހަށިފޮޅާއިލާ ހިނދެމިލައިގެން ތެދަށް ހުރެވޭ ހުރުމެވެ. އެހެންވީމާ އަޅުގަނޑު ބުނަން މި އުޅޭ ވާހަކަ އެއީ މިނިވަންކަމާ ކިހާ ގުޅުންހުރި ވާހަކައެއްދޯ ނިންމާނީ މި ލިޔުން ކިޔާ ފަރާތްތަކެވެ. "މިނިވަންވެތިބެގެން އަޅުވެތިވާށެވެ!" ބުނުމުން އުފާވެރިކަމާއި ހިތްގައިމުކަން އެބަ އިޙުސާސުވޭހެއްޔެވެ؟ އަޅުގަނޑަކަށް ވެސް މި ޖުމްލައިން މާބޮޑަށް އުފަލެއް ނުލިބެއެވެ. ބައެއް ފަހަރު ވަނީ ދެރައެވެ. އަނެއްބައިފަހަރު އާދެވެނީ ރުޅިއެވެ. ފުންކޮށް ވިސްނައިލުމުން އެނގެނީ މިނިވަންވެގެން ނޫނީ އަޅުވެތިނުވެވޭނެކަމެވެ. އަދި އަޅުވެތިވަންޏާ މިނިވަން ވެސް ނުވެވޭނެ ކަމެވެ. އެހެން ވީމާ މިއީ އެކަތި އަނެކައްޗާ ގުޅިލާމެހިފައި އޮތް މުސްތަޤިއްލު ދޭތިބާއެވެ؟ އާދެ މިނިވަންކަމާއި އަޅުވެތިކަމާ އޮތީ ކޮން ގުޅުމެއްތޯ ބަލައިލަން ހިނގާށެވެ. ދިރާސީ މަސައްކަތް ފުޅާވެފައި އޮތް މި ޒަމާނުގައި ފަސޭހައިން ވިސްނޭނެއް އެއް މުސްޠަލަޙަކީ "correlation" (ކޯރިލޭޝަން)އެވެ. މި ލަފުޒު ބޭނުންކުރަނީ އެއް ކަމެއްގެ ސަބަބުން އަނެއް ކަމަކަށް ކުރުވާ އަސަރު ބަޔާންކުރާށެވެ. އެ ގޮތުން ބަލާއިރު މިނިވަންކަމާއި އަޅުވެތިކަމަކީ އެކަތި އަނެކަށްޗަށް އޭގެ އަސަރުކުރުވާ ދެއެއްޗެވެ. މިނިވަންވުމަކީ އަޅުވެތިކަން ފިލައިދާ ކަމެކެވެ. އަދި އަޅުވެތިވުމަކީ މިނިވަންކަން ގެއްލޭކަމެކެވެ. މިނިވަން ކޮންމެ މީހަކު އެހެން މީހުންގެ އަޅުވެތިކަމުން ސަލާމަތްވެގެން ވެއެވެ. އެހެންމީހުންގެ ގޮތްތައް ދޫކޮށް އަމިއްލަ ވައްޓަފާޅިއެއްގައި ދިރިއުޅޭ ކޮންމެ ޢާއިލާއަކީ އެ ނޫން ޢާއިލާތަކުގެ ސަޤާފަތްތަކުން މިނިވަންވެގެންވާ ބައެކެވެ. މި ހަމައިން ބަލައިފިއްޔާ ފެންނާނީ ޤައުމުތައް އަޅުވެތިކުރި ބޮޑެތި ޤައުމުތަކުން ކުރި ކަމަކީ ކުދި ޤައުމުތަކުގެ މިނިވަންކަން ނަގައިލިތަނެވެ. މިއަދު އަޅުގަނޑުމެން ފާހަގަ މި ކުރާ 60 އަހަރުވީ މިނިވަންކަމަކީ ވެސް ބޮޑު ޤައުމަކުން މި ރާއްޖޭގެ އަމިއްލަވަންތަކަމުގެ މައްޗަށް ވެރިވެގެންތިބި ތިމުން ނިމުމަކަށް ގެންނެވުނު ފަހުން ދިވެހިރާއްޖެ މިނިވަންކަން އޮތް އުމުރެވެ. މި ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓޭވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ދެން މި ބަލައިލަނީ މިނިވަންވެތިބެގެން އަޅުވެތިވުމަކީ ކޮބައިކަމާ މެދުއެވެ. ދަންނަވަންތޯއެވެ؟ އިންސާނާއަށް އެންމެ ބޮޑަށް އަސަރުކުރުވާ ކަމަކީ އޭނާގެ އަމިއްލަ ނަފުސު ދެނެގަނެވޭ ގަތުމެވެ. އޭނާގެ އަމިއްލަ ނަފުސު އެނގޭ މިންވަރުގެ މައްޗަށް އޭނާ އެހެން މީހުންގެ ކިބައިން މިންޖުވެ ސަލާމަތް ވެއެވެ. މީހުންކުރެން ކަންކަމު އެދޭއެދުން މަދުވަނީ ނޫނީ އެއްކޮށް ހުއްޓެނީ ތިމާގެ އަމިއްލަ ނަފުސަށް ބޭނުންޖެހޭ މިންވަރު ތިބާއަށް އެނގޭ އެނގުމުގެ މައްޗަށެވެ. އިންސާނާ ހޯދަން މި އެދޭ ކަންތަކައި ނުލާ އޭނާއަށް އުޅެވޭނީ ކިހާވަރަކަށްކަން އޭނާއަށް އެނގެންޏާ އެހެން މީހުން ގާތުން އެދެން ބޭނުންވާ ވުން މަދުވާނެއެވެ. އިންސާނާގެ އަމިއްލަ ނަފުސު އެނގުމުގެތެރޭގައި އޭނާގެ ޖިސްމަކީ ކޮބައިކަން އެގުން ވެއެވެ. އެއީ ދެ ޝަހުވަތަކަށް އެދުންވެރިވެފައި އޮތް އެއްޗެކެވެ. އެއީ ބަނޑުފުރާނަމުއްތިކުރުމާއި ޖިންސީ ޣަރީޒާ ފުއްދުމެވެ. މި ދެ ކަންތައް ތިމާގެ ކިބައިގައި ހިފެހެއްޓޭނެ މިންވަރު ދަސްކުރުމަކީ ތިމާގެ އަމިއްލަ ނަފުސު ދެނެގަތުމެވެ. މި ކަމުގައި އެމީހެއްގެ ނަފުސު ދަސްވި މީހާ، ނަފުސުގެ އަޅަކަށް ވުމުން ސަލާމަތް ވެވޭނެއެވެ. މި ނޫން އެހެން ހުރިހާ ކަމެއްގައި ވެސް އޮތީ މި ޙުކުމެވެ. އޭނާގެ އަމިއްލަ ނަފުސު ދަސްވި ވަރަކަށް އޭނާ އެހެން ހުރިހާ ބާރެއްގެ އަޅުވެތިކަމުން ސަލާމަތް ވެއެވެ. ދެން އޮތީ ޙަޤީޤީ އަޅުވެތިކަމުގެ ވާހަކައެވެ. އެއީ އިލާހީ ރައްބެއްގެ އަޅުވެތިކަމަށް އިންސާނާ ވަންނަ ވަނުމެވެ. މި ކަން ބިނާވަނީ އިންސާނާއަށް އޭނާގެ ވެރިރައްބު އެނގޭ މިންވަރެއްގެ މައްޗަށެވެ. ތިބާގެ ކަންކަން ރާއްވަވައި ހިންގަވަނީ އެއިލާހުކަން އެނގުނު ވަރަކަށެވެ. ރިޒުޤު ދެއްވަނީ ﷲކަން ޔަޤީންކަމާ އެކު އެނގުމަކީ އެހެން ފަރާތްތަކުން ކާނާއަށް އެދުން ހުއްޓޭނެ ކަމެކެވެ. އަދި ﷲގެ ޙަޟްރަތައް ކިޔަމަންތެރިކަމާ އެކު އަޅުވެތިވެވޭނޭ ކަމެކެވެ. ރައްކާތެރިކަން ދެއްވަނީ ﷲ ކަން ޔަޤީން ކަމާ އެކު އެނގުމަކީ އެނޫން ފަރާތްތަކުން ސަލާމަތައް އެދުން ހުއްޓޭނެ ކަމެކެވެ. އަދި ﷲގެ ޙަޟްރަތައް ކިޔަމަންތެރިކަމާ އެކު އަޅުވެތިވެވޭނޭ ކަމެކެވެ. ފަރުދީ ޝަޚުސަކަށް ވިޔަސް، އެކުލެވި އޮތް ޢާއިލާއަކަށް ވިޔަސް އަދި ބޮޑު ޤައުމަކަށް ވިޔަސް އެހެންކަމުން ޙަޤީޤީ މިނިވަންކަން ލިބޭނީ އެބަޔަކު މިލްކުވެ ވޮޑިގެންވާ ދެ ކައުނުގެ ވެރި އިލާހަށް އަޅުވެތިވެގެންނެވެ. މީހުންގެ އަޅުވެތިކަމުން މިނިވަންވެގެންނެވެ. އެ ކަން ވާނީ ތިބާގެ އަމިއްލަ ނަފުސު ތިބާ ދަސްކޮށްގެންނެވެ. އިސްލާމްދީނަކީ އިންސާނުންގެ އަޅުވެތިކަމުން މީސްތަކުންނެރެ، ﷲގެ އަޅުވެތިކަމަށް މީސްތަކުން ވެއްދުމަށް ބާވައިލެއްވުނު ދީނެކެވެ. މިނިވަންކަމާ އެކު އަޅުވެތިވުމުގެ މުހިންމުކަން އެނގޭނީ މި ދީނުގެ މަޤްޞަދުތައް ފަހުމުވެގެންނެވެ. ޙަޤީޤީ އަޅުވެތިކަމަކީ ނިޢުމަތްތަކުގެ ވެރި އިލާހަށް ފުރިހަމަ ގޮތުގައި ޝުކުރުވެރިވުމެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. އެހެން މީހުންނަށް ބަރޯސާވުމަކީ އަމިއްލަ މިނިވަންކަން ގެއްލުމެވެ. އެހެން ވެއްޖެއްޔާ ﷲއަށް އަޅުވެތި ނުވެވޭނެއެވެ. މިނިވަންވެތިބެގެން އަޅުވެތިވުމަކީ މިއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ