ތައިލެންޑާއި ކެންބޯޑިއާގެ ސިފައިންގެ މެދުގައި އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި
ނޮންޕެން (27 ޖުލައި 2025) : ތައިލެންޑާއި ކެންބޯޑިއާގެ ސަރަހައްދީ ރޮނގުގައިވާ ބިންކޮޅަކާމެދު އެ ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަ އާދަޔާ ޚިލާފަށް ހޫނުވެ އެ ދެ ގައުމުގެ ސިފައިން މިއަދު ވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ ދެ ގައުމު ސިފައިން ބަދަލުކުރަމުން ގެންދާ ހަމަލާތަކުގައި ރޭ ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. ރެއާއި މިއަދު ބަދަލުކުރި ހަމަލާތަކުގައި ހަ މީހަކު މަރުވެ އިތުރުބަޔަކު ޒަޚަމްވިކަމަށް ޚަބަރުތައް ބުނެއެވެ. ތައިލެންޑާއި ކެންބޯޑިއާގެ ސިފައިން ހަމަލާތައް ބަދަލުކުރަމުން ގެންދަނީ ގަލްފް އޮފް ތައިލެންޑްގެ އަތިރިމަތީ ސަރަހައްދުތަކުގައެވެ. ތައިލެންޑާއި ކެންބޯޑިއާގެ ސަރަހައްދީ ރޮނގުގައިވާ ބިންކޮޅެއްގެ މިލްކުވެރިކަމާމެދު އެ ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލައަކީ ދިގުލީ އަދި ޒަމާންވީ މައްސަލައެކެވެ. މި ބިންކޮޅަކީ ގަދީމީ ފައްޅިތަކަކާއި އާސާރީ ބިނާތަކެއް ހުންނަ ތަނެކެވެ. ނަމަވެސް ތައިލެންޑާއި ކެންބޯޑިއާ ސިފައިންގެ މެދުގައި މިހާރު ބަދަލުކުރަމުން ގެންދާ ހަމަލާތައްވަނީ މި ސަރަހައްދަށް ވުރެ ފުޅާ ސަރަހައްދަކަށް ފެތުރިގެން ގޮސްފައެވެ. މިހާރު ހަމަލާތައް ބަދަލުކުރާކަމަށް ވަނީ ހަނޑޫ ދަނޑުތަކާއި ޖަންގަލިތައް ވެސް ހިމެނޭ ސަރަހައްދެއްގައެވެ. މި ސަރަހައްދުގައި ލައްކައަކަށް ވުރެ ގިނަ އާންމުން ދިރިއުޅޭކަމަށްވެއެވެ. ހަމަލާތައް ފުޅާވުމުން އާންމުންވަނީ އެ ސަރަހައްދު ދޫކޮށް ރައްކާތެރި ތަންތަނަށް ގޮސްފައެވެ. ސަރަހައްދީ ރޮނގުގެ މިމައްސަލައާ ގުޅިގެން ތައިލެންޑާއި ކެންބޯޑިއާގެ ސިފައިން ވަރަށް ކުރީއްސުރެ ހަމަލާތައް ބަދަލުކުރަމުން ގެންދެއެވެ. ނަމަވެސް މިއި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މިހާބޮޑަށް މި މައްސަލަ ހޫނުވެގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި ދެ ގައުމުގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވިވެސް ފުރަތަމަ ފަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދެ ގައުމުގެ ސިފައިން ބަދަލުކުރާ ހަމަލާތަކުގައި މިހާތަނަށް ދެގައުމުން 33 މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ދެ ގައުމުގެ އާންމުންކަމަށް ޚަބަރުތައް ބުނެއެވެ. ތައިލެންޑާއި ކެންބޯޑިއާ ސިފައިން ބަދަލުކުރާ ހަމަލާތަކުގައި އަސްކަރީ މަތިންދާބޯޓާއި ބޮޑުބަޑި އަދި ހަތިޔާރު އެޅި އުޅަނދުތައް ބޭނުންކުރާކަމަށް ވެއެވެ. ސަރަހައްދީ ރޮނގުގެ މިމައްސަލާގައި 2008 ވަނަ އަހަރާއި 2011 ވަނަ އަހަރާ ދެމެދުވެސް ތައިލެންޑާއި ކެންބޯޑިއާ ސިފައިން ހަމަލާތައް ބަދަލުކޮށްފައިވެއެވެ. ނަމަވެސް އެމުއްދަތުގައި ބަދަލުކުރި ހަމަލާތަކުގައިވެސް މިހާ ގިނަ އަދަދެއްގެ މީހުން މަރުވެފައެއް ނުވެއެވެ. މި މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ބައި އަދާކުރުމަށް މެލޭޝިއާ، ޗައިނާ އަދި އެމެރިކާވެސް ތައްޔާރަށް އޮތްކަން އެ ގައުމުތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ތައިލެންޑްގެ ޚާރިޖީ ވުޒާރާއިން ބުނާގޮތުން މައްސަލަ ހައްލުކުރަން ބޭނުންވަނީ މެދުވެރިއަކާ ނުލައި ސީދާ ކެންބޯޑިއާގެ ސަރުކާރާ ވާހަކަ ދައްކައިގެންނެވެ. މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހުވެސް ތައި ސިފައިންނާއި ކެންބޯޑިއާ ސިފައިން އެއްބަޔަކު ހަމަލާތަކެއް ބަދަލު ކޮށްފައިވެއެވެ. އެ ހަމަލާތަކުގައި ކެމްބޯޑިޔާ ސިފައިންގެ މީހަކު ވަނީ މަރުވެފައެވެ. ކެންބޯޑިއާއިން ވަނީ އެ ގައުމަށް އިސްވެ ހަމަލާދިން ކަމުގެ ތުހުމަތު ތައިލެންޑްގެ މައްޗަށް ކޮށް މި މައްސަލަ ބެލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް އެދިފައެވެ. ކެންބޯޑިއާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން އިސްވެ ހަމަލާދިނީ ތައިލެންޑުންނެވެ. އެހެންކަމުން މިއީ ކެންބޯޑިއާގެ މިނިވަންކަމާއި އިސްތިގްލާލަށް ތައިލެންޑުން ދިން ހަމަލާއެއްކަމަށް ސިފަކޮށް މިމައްސަލަ ބަލައި ތައިލެންޑާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ކެންބޯޑިއާއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ކިބައިން އެދިފައެވެ. ނަމަވެސް ތައިލެންޑުން މިކަން ދޮގު ކުރެއެވެ. ތައިލެންޑުގެ ޚާރިޖިއްޔާ ބުނާގޮތުން އިސްވެ ހަމަލާދިނީ ކެންބޯޑިއާ ސިފައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ