އެމެރިކާއިން ޣައްޒާއަށް ބަހާ ފުށުގެ ތެރޭގައި ފުރާނައަށް ނުރައްކާ ބޭހެއް
އެމެރިކާއިން ޣައްޒާއަށް ބަހާ ގޮދަންފުށުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ބާރުގަދަ ބޭހެއް ފެނިއްޖެއެވެ. ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގައި އެމެރިކާއިން އެހީގެ ގޮތުގައި ބެހި ފުށް ކޮތަޅުތަކުގެ ތެރެއިން އޮކްސީކޯޑޯން ގުޅަތަކެއް ފެނިފައިވާ ކަމަށެވެ. މިއީ ވޭން ހުރި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް، އެ ވޭން ލުއިވާނެ އެހެން ގޮތެއް ނެތް ހާލަތުގައި ދޭ ތަދުކަނޑުވާ ބޭހެކެވެ. އެ ބޭސް ބޭނުން ކުރެވެނީ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އޮކްސީކޯޑޯން އަކީ ވަރަށް ފަސޭހައިން އެޔަށް ދެވިހިފާ އަދި ހެލުސިނޭޓް ވުމާއި ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތަކާއެކު ފުރާނައަށް ވެސް ނުރައްވާ ފަދަ ބޭހެކެވެ. "މި ބޭސް ގަސްތުގައި ފުށާ އެއްކޮށްފައި ހުރުންވެސް އެކަށީގެންވޭ. މީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ސީދާ ނުރައްކާވާނެ." ބޭސް ގުޅަތައް ފުނޑުވުމަށްފަހު ފުށާ އެއްކޮށްފައިވާ ކަމުގެ ނިޝާންތައް ފެނިފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ވެއެވެ. ފުށުން މި ބޭސްގުޅަ ފެނިގެން ހަތަރަކަށް ވުރެ ގިނަ މީހުން މިހާތަނަށް ރިޕޯޓުކޮށްފައި ވާކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ. މިއީ ޣައްޒާގައި މަސްތުގެ ވަބާ ފަތުރައި، ފަލަސްތީނުގެ އިޖްތިމާއީ ފޭރާން ހަލާކު ކުރުމަށް އިސްރާއީލުން ހިންގާ ނުބައި ޖަރީމާއެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގެ ޒިންމާ އިސްރާއީލުން ފުރިހަމައަށް ނަގަންޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. "މިއީ ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގެ ބައެއް." ޣައްޒާއަށް އެހީ ބެހުމުގެ މަސައްކަތް މިހާރު ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އަކީ ޣައްޒާގައި އދ. އިން ހިންގި އެހީގެ މަސައްކަތް ހުއްޓުވުމަށްފަހު، އިސްރާއީލާއި އެމެރިކާގެ ގުޅިގެން އެ މަސައްކަތް ހަވާލުކުރި އެމެރިކާގެ ޖަމާއަތެކެވެ. އެގޮތުން އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނާއި މެދުތެރޭގައި އެހީ ބެހުމުގެ ހަތަރު ތަނެއް ގާއިމްކޮށްފައެވެ. ފަލަސްތީނުގެ އޮފިޝަލުން ވަނީ، މި ތަންތަނުން ކާއެއްޗެހި ހޯދުން މަދުކުރުމަށް ގޮވައިލައިފައެވެ. އަދި ކާއެއްޗެހި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް އިންސްޕެކްޓް ކުރުމަށްފަހު ކެއުމަށް ވަނީ އިރުޝާދު ދީފައެވެ. އިސްރާއީލުން މިހާރު ހަމަލާތައް އަމާޒުކޮށްފައި ވަނީ އެތަންތަނަށް އެހީ ބަލާ ދާ މީހުންނަށެވެ. މެއި މަހުގެ 27ވަނަ ދުވަހުން ފެށިގެން އެފަދަ ސަރަހައްދުތަކުން ފަލަސްތީނުގެ 549 މީހުން ޝަހީދުކޮށްލާފައިވާއިރު، 4000 އަށްވުރެ ގިނަ މީހުން ވަނި ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ