އިޒްރޭލު މުދާ އަޔަލޭންޑަށް އެތެރެ ކުރުން ގާނޫނީ ގޮތުން މަނާކޮށްފި

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒުރޭލުގެ އާބާދީތަކާ އެކު ވިޔަފާރި ކުރުން މަނާކޮށް އެ ގައުމުގައި އުފައްދާ މުދާ ގާނޫނީ ގޮތުން އެެތެރެ ކުރުން އަޔަލެންޑުން މަނާކޮށްފި އެވެ. 
އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒުރޭލުގެ އާބާދީތަކުން އުފައްދާ މުދާ އަޔަލެންޑަށް އިމްޕޯޓް ކުރުން މިހާރު ވަނީ ގާނޫނީ ގޮތުން މަނާކޮށްފަ އެވެ. 
އިޒުރޭލުގެ އާބާދީތަކުން އުފައްދާ މުދާ އިމްޕޯޓް ކުރުން މަނާކުރުމަށް އައިލެންޑް ސަރުކާރުން ނިންމީ 19 ޖުލައި 2024ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
އެ އުސޫލަށް އަމަލުކުރަން ފެށުމުން، އަޔަލޭންޑްގެ ކަސްޓަމްސްގެ ގާނޫނު ދަށުން އެއްވެސް މުދަލެއް އިޒުރޭލުން އެ ގައުމަށް އިމްޕޯޓްކޮށްފި ނަމަ، ގާނޫނާ ހިލާފުވީ ކަމަށް ބެލެވޭނެ ކަމަށާއި ކަސްޓަމްސް އިން މުދާ ބަލައި ފާސްކޮށް، ހިފެހެއްޓުމުގެ ބާރު ލިބިގެންދާނެ ކަމަށް އަޔަލެންޑް ސަރުކާރުން ބުނެ އެވެ.
"ފަލަސްޠީނުގެ ހާލަތަކީ އަދި ވެސް އާންމު ކަންބޮޑުވުމެއް،" އަޔަލޭންޑްގެ ހާރިޖީ، އަދި ޓްރޭޑް މިނިސްޓަރު ސިމޯން ހެރީސް ވިދާޅުވި އެވެ.
އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމަކީ ގާނޫނާ ހިލާފު އަދި ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ ހުށަހެޅުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެއީ ޒަމާނުއްސުރެ ޔޫރަޕިއަން ޔޫނިއަން އާއި ބައިނަލްއަގްވާމީ ބައިވެރިން ގަބޫލުކޮށްފައިވާ ސްޓޭންޑް ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ވެސް ކަނޑައެޅިފައިވާ ގާނޫނީ އުސޫލު ވެސް ކަމަށެވެ.
"އަޔަލޭންޑުން ދަނީ ގާޒާގައި ހިނގަމުންދާ ޖަރީމާތަކާ ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުން،" އޭނާ ވިދާޅުވި އެވެ.
ހެރިސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެފަދަ ގާނޫނެއް އަޔަލޭންޑުން ފާސް ކުރީ އެހެން ގައުމުތަކުން ވެސް އެފަދަ ގާނޫނުތައް ފާސްކޮށް އެ ގޮތަށް އަމަލު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ކޮންމެ ގައުމަކުން ވެސް  ބޭނުން ކުރެވެން ހުރި އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.
އައިސީޖޭގެ އެޑްވައިޒަރީން 19 ޖުލައި 2024ގައި ނެރުނި އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައިވަނީ، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި އިޒުރޭލުން މީހުން ވަޒަންވެރިކުރުވުމަކީ ހަތަރު ވަނަ ޖެނީވާ މުއާހަދާގެ 49 ވަނަ މާއްދާގެ ހަ ވަނަ ޕެރެގްރާފާ ހިލާފު އަމަލެއް ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ