ކަންމަތީ ގުރޫޕްތަކުގައި ކުޑަކުދިން ގިނަވާތީ ބެލެނިވެރިންނަށް ފުލުހުންގެ އިލްތިމާސެއް

ކުށްކުރާ ސަރަހައްދުތަކުގައި ކުޑަކުދިން ގްރޫޕު ހަދައިގެން ތިބޭތީ، ބެލެނިވެރިން ވީހާވެސް ގާތުން ކުދިންގެ ކަންކަން ބަލައި ދަރިން ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުކުރުމަށް މަސައްކަތްކޮށްދިނުމަށް ފުލުހުން ބެލެނިވެރިންގެ ކިބައިން އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިގޮތަށް އެދުނީ ފުލުހުންގެ ޕެޓްރޯލިންތަކުން ކުށްކުރާ ސަރަަހައްދުގައި ތިބޭ ކުޑަ ފިރިހެން ކުދިންގެ އަދަދު އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ބެލެނިވެރިންގެ ސާމަލުކަމަށް ގެނެސް މިއަދު ނެރުނު ބަޔާނެއްގަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން ދުވަހުން ދުވަހަށް ކުރާ އާންމު ޕެޓްރޯލިން އާއި ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި:
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެެއް
މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވޭ
ގުރޫޕު ހަދައިގެން ރަށުތެރޭ ކުދިން އުޅުމުން ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބޭ
މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅޭ، އަދި އެހެނިހެން ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދޭ
"މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާތައް ކުރެއްވުމަށް އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ކުދިންގެ އެފަދަ ހަރަކާތްތައް މޮނިޓާކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އެގޮތުން:
އެފަދަ ސަރަހައްދުތަކަށް އަމާޒުކޮށް ސްޕޮޓް ޗެކް ކުރުމާއި، ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް ބަލަހައްޓަމުން ގެންދާނެ 
ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވޭ
ކުދިންގެ ކަންކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށްވެސް ފުލުހުން އިލްތިމާސްކުރި އެވެ. އެހީތެރިކަން ހޯދުމަށް:
ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ގުޅުމަށް 
ވިކްޓިމް ސަޕޯޓް ޔުނިޓް ގެ ނަންބަރު 9770640 އަށް ގުޅުމަށް 
ކުއްލި ހާލަތެއްގައި 911 އަށް ގުޅުމަށް
"ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް މި ފުރުސަތުގައި ގޮވާލަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ