ބާސެލޯނާ (ޖުލައި 24) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ސޮއިކުރި މާކަސް ރެޝްފޯޑްގެ ރަޖިސްޓްރޭޝަން ކަންކަން ނިންމުމަށް އެ ކްލަބުން ކުޅުންތެރިންތަކެއް ވިއްކާލަން ނިންމައިފި އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާގައި ވެސް ބާސެލޯނާ އަށް ދެވޭތޯ މަސައްކަތް ކުރި ރެޝްފޯޑް، 27، އަށް، އެ ކްލަބުން ޝައުގުވެރިވާ ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު، ޑެކޯ އޭރު ވަނީ ބުނެފަ އެވެ.
ރެޝްފޯޑް ވެސް ދާދި ފަހުން، ބާސެލޯނާ އަށް ދިއުމުގެ ޝައުގުވެރިކަން ފާޅުކުރިއިރު، އެ ޓީމުން މިހާރު ވަނީ އެ ޑީލް ނިންމައިފަ އެވެ.
ބާސެލޯނާ އިން ރެޝްފޯޑް ގެންދިޔައީ ކުރިއަށް އޮތް ސީޒަން ނިންމައިފައި، 30 މިލިއަން ޑޮލަރަށް އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށެވެ. އަދި، ލޯންގެ މުއްދަތުގައި ރެޝްފޯޑްގެ މުޅި މުސާރަ ދޭނީ ވެސް ބާސެލޯނާ އިންނެވެ. ރިޕޯޓްތައް ބުނާގޮތުން، ރެޝްފޯޑް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން އެ ޓީމުގެ ޕޭރޯލުން 32 މިލިއަން ޑޮލަރު މަދުކުރަން ޖެހެ އެެވެ. އެ ކަން ފުރިހަމަ ކުރުމުގެ ގޮތުން، ބާސެލޯނާ އިން ގޯލްކީޕަރު، ޓާ ސްޓެެގެން އާއި ޑިފެންޑަރު، އަންދްރެއަސް ކްރިސްޓެންސަން ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެ ދެ ކުޅުންތެރިން ދޫކޮށްލައިފިނަމަ، ޕޭރޯލުން 35 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.
ރަޖިސްޓްރީ ކަންކަން ފުރިހަމަ ވަންދެން ރެޝްފޯޑަށް ކުޅެވޭނީ ބާސެލޯނާގެ ނުރަސްމީ މެޗުތަކުގަ އެވެ. ރެޝްފޯޑް، ބޭނުންކުރާނީ ބާސެލޯނާގެ 14 ނަމްބަރު ޖޯޒީ އެވެ.
ބާސެލޯނާ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއާ ވާހަކަ ދައްކަމުން، ރެޝްފޯޑް ބުނީ، ބާސެލޯނާ އަކީ އަބަދުވެސް އޭނާ ޝައުގުވެރިވި ކްލަބެއް ކަމަށާއި ލިބުނު ފުރުސަތުގެ ބޭނުންހިފައި އެ ޓީމާ އެކު، ކާމިޔާބު ހޯދަން ބޭނުންވާ ކަމަށެވެ.
ޔުނައިޓެޑްގެ ޔޫތު ޓީމުތަކަށް ކުޅެ، ރެޝްފޯޑް އެންމެ ފުރަތަމަ ސީނިއާ ޓީމަށް މެޗެއް ކުޅެދިނީ، 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން، ސީނިއާ ޓީމުގައި މި ހޭދަވީ އަށް އަހަރު ތެރޭ އޭނާ ވަނީ އެ ޓީމަށް 426 މެޗުން 138 ގޯލު ޖަހައިފަ އެވެ.
ބާސެލޯނާގައި ރެޝްފޯޑަށް ލިބޭނީ ޔުނައިޓެޑަށް ވުރެން 15 ޕަސެންޓް ކުޑަ މުސާރަ އެކެވެ.
ރެޝްފޯޑް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން ކުޅުންތެރިން ވިއްކަނީ ރެޝްފޯޑް ރަޖިސްޓްރީ ކުރަން ބާސެލޯނާ އިން ކުޅުންތެރިން ވިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ