އާ ޓާމިނަލް މަޝްރޫއުއަކީ ގައުމީ މަސައްކަތެއް: ޝަރީފް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު, މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގެ ޖާގައިގެ ދަތިކަމާއެކު އެތަނުގެ ތެރޭގައި ތޮއްޖެހުމާއި ކުރެވޭ ތަޖުރިބާ މަދުވުން ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއް ކަމަށެވެ.
އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ވީއައިއޭގެ އާ ޓާމިނަލް މި 26 ވަނަ ދުވަހު ހުޅުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ސްޓޭކްހޯލްޑަރުންގެ ފަރާތުން ލިޭ އާދަޔާ ހިލާފު އެހީތެރިކަން ފާހަގަކޮށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ), ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ), އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް), މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, ޕްލާންޓް އެންޑް އެނިމަލް ކުރެންޓީން, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ), ޕޯޓް ހެލްތް, މޯލްޑިވްސް ޕޮލިސް ސާވިސަސް, މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް), އެއާލައިން ކޮމިޓީ ޗެއާ, މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް), އެމްއޭސީއެލް ޑިޕާޓްމަންޓްތަކާއި އޮރާޓްގެ އެމް.އޭ.ސީ.އެލްގެ ކޮންސަލްޓަންޓް މޮޑާލިސް އިން ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ