ގަވާއިދަށް ބަދަލެއް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ގަވާއިދަށް ބަދަލެއް، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ މުބާރާތް ޖެނުއަރީ 4 ވަނަ ދުވަހު ފަށަން ނިިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުބާރާތް މިއަދު އިއުލާނުކުރިއިރު، ބައިވެރިވުމުގެ ފުރަތަމަ މަރުހަލާ ހުޅުވާލެވިފައިވަނީ، އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށެވެ. އެ މުއްދަތުގައި ކައުންސިލްތަކުން ބައިވެރިނުވާ ރަށްރަށުން، އެންމެ ފަހުގެ މެނޭޖްމަންޓަށް ފުރުސަތު ލިބޭނެ އެވެ. އަދި، ކައުންސިލާއި އެންމެ ފަހުގެ މެނޭޖްމަންޓުން ބައިވެރިނުވާ ހާލަތެއްގައި، އާ މެނޭޖްމަންޓަކަށް ވެސް ބައިވެރިވުމުގެ މުއްދަތެއް ލިބޭނެ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގަވާއިދަށް ވަނީ ބަދަލުތަކެއްވެސް ގެނެސްފަ އެވެ. އެ ގޮތުން، ކުޅުންތެރިން އުފަން ރަށަށް ކުޅެ، އަތޮޅާއި ރަށު ފުޓްސަލްގެ ފޯރިގަދަ ކުރުމަކީ މުބާރާތުގެ މައިގަނޑު މަގުސަދު ކަމަށްވީ ހިނދު، ކުޅުންތެރިން އުފަން ރަށް ދޫކޮށް އެހެން ރަށްރަށަށް ކުޅުން ހުއްޓުވަން މި ފަހަރު ގަވާއިދަށް ވަނީ ބަދަލު ގެނެސްފަ އެވެ.
‏‎އެންމެ ބޮޑު ބަދަލަކީ، ކުރިން ގަވައިދު އޮންނަ ގޮތުން އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށް ފަހު ރަށް ބަދަލު ކޮށް ގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން ތިން އަހަރަށް ވަނީ ބަދަލު ކޮށްފައިވުމެވެ.
އެހެންކަމުން 2026 ވަނަ އަހަރުގެ މުބާރާތުގައި ރަޖިސްޓްރީ ބަދަލުކޮށްގެން ކުޅެވޭނީ 2023، 2024 އަދި 2025 ގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް އެކަންޏެވެ. އެހެން ނަމަވެސް ފާއިތުވި ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ބަދަލުވުމަށް ހާއްސަ ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ގޯލްޑެން ފްޓްސަލް އެސޯސިއޭޝަނުން އެކަމަށް ކަނޑައަޅާފައިވާ ފޯމެއް ފުރުމަށް ފަހު، އޮކްޓޫބަރު ތިން ވަނަ ދުވަހުގެ ކުރިން އަމިއްލަ ރަށަށް ބަދަލުވެ 2026 ވަނަ އަހަރުގެ މުބާރާތުގަ ކުޅުމުގެ ފުރުސަތު ދެވޭނެ އެވެ. އެކަމަކު، އެއީ، މިފަހަރު އެކަނި ދޭނެ ފުރުސަތެއް ކަމަށްވެސް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 128 ޓީމަކުން ބައިވެރިވި އެވެ. އަދި މުބާރާތުގައި 300 އަށްވުރެ ގިނަ މެޗު ކުޅެވުނުއިރު, މުބާރާތުގެ ޗެމްޕިއަން ޓީމަކީ ކ. ކާށިދޫ އެވެ. މިއީ ކާށިދޫ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
އަންނަ އަހަރަކީ، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަނަ މުބާރާތް ކުރިއަށްދާނެ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ