''ޖުވާ ކުޅެގެންނާއި ދީނުގައި ޙަރާމް އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ ތިމާގެ ނަފުސަށާއި އަނބިދަރީންނަށް ހޭދަކުރަން ހެޔޮނުވާނެ''

ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ދުރުވުމަށް މިއަދު ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުޠުބާގެ މައުލޫއަކީ ''ޖުވާއާއި އޭގެ އާމްދަނީ ޙަރާމެވެ.'' މި މައުޟޫއަށް ގެނެސްދީފައިވާ ޚުޠުބާގައި ޖުވާގެ ނުރައްކާތެރިކަމާއި، ދީނީ ގޮތުން އެކަމުގައި ހިމެނޭ ގެއްލުންތައް ވަނީ ހަނދާންކޮށްދީފައެވެ. މިއަދުގެ ޚުޠުބާގައި މުހިންމު ބައެއް ނުކުތާތައް ތިރީގައި އެވަނީއެވެ.
ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ޙަރާމްކަމެކެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެކަލާނގެ ހުއްދައެއް ނުކުރައްވައެވެ. އާމްދަނީ ހޯދުމަށްޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތަކެވެ.
އިސްލާމް ދީނުގައި ޖުވާ ޙަރާމްކުރެއްވީ، އެކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު ޢަމަލަކަށް ވާތީއެވެ. މިކަމާ ބެހޭ ގޮތުން މާތް الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. يَأْيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَصَابُ وَالْأَزْلَمُ رِجْسُ مِنْ عَمَلِ الشَّيْطَانِ فَأَجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذَكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنتُم مُنتَهُونَ (ސޫރަތުލް މާއިދާ 91-92) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެ ކަންތައްތައް ހުއްޓައިލާންހެއްޔެވެ؟ (އެބަހީ: ހުއްޓައިލާށެވެ!)"
ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެހެނީ އެފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ نَبَتَ مِنْ سُحْتٍ، اَلنَّارُ أَوْلَى بِهِ) މާނައީ: "ހަމަކަށަވަރުން ޙަރާމް އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާ ސުވަރުގެ ނުވަންނަހުށްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ."
ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން އެއްކިބާވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އެހެނީ އެފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެމީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން އިސްވެދިޔަ ޙަދީޘުން ޞަރީޙަކޮށް އެނގެއެވެ.
ޖުވާގެ ދުންޔަވީ ގެއްލުންތައް:ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.
ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެކެވެ.
ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީއެވެ. ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީއެވެ. އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ޙަރާމްތަކެތިކަމުގައި ވާތީއެވެ. ގެއްލުންވާ މީހުން ބަނގުރޫޓުވާތީއެވެ. ޖުވާކުޅޭ މީހުންގެ މެދުގައި އުފެދޭ ޢަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި، މުދަލާއި، ގެދޮރާއި، ފުރާނައަށް، ގެއްލުން ލިބޭތީއެވެ. މުޅި މުޖުތަމަޢު ފަސާދަވެ، އޭގެ ގެއްލުން ޢާންމުވާތީއެވެ. ފާފަވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭތީއެވެ. މިއީ މުޅީން ވެސް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަންކަމެވެ. އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށެވެ. ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލެއެވެ.
އިސްލާމް ދީން އަމުރުކުރަނީ، ރަނގަޅު ހެއު ތަކެތި ކެއުމަށާއި، ހެއު ޢަމަލުކުރުމަށެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ.(َيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِين،َ فَقَالَ : يَتَأَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ : وَقَالَ : يَتَأَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَكُمْ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ ، وَمَشْرَبُهُ
حَرَامٌ وَمَلْبَسُهُ حَرَامٌ ، وَغُذِّيَ بِالْحَرَام،ِ فَأَنَّى يُسْتَجَابُ لِذَلِكَ) މާނައީ: "އޭ މީސްތަކުންނޭވެ! ﷲ تَعَالَىއީ ހުރިހައި ރަނގަޅުކަމެއް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ރަނގަޅުކަމެއް މެނުވީ އެކަލާނގެ ޤަބޫލެއްނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ ރަސޫލުންނަށް އަމުރުކުރެއްވި ކަންތައް މުއުމިނުންނަށް ވެސް އަމުރުކުރެއްވިއެވެ." އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތީން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ! އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. "މީހާ ދިގު ދަތުރު ކޮށް، އިސްތަށިގަނޑު ހޭވި ހިރަފުސްބުރައިފައިވާ ޙާލު، ދެ އަތް އުފުލައި މާތްރަސްކަލާކޯއެވެ! މާތްރަސްކަލާކޯއެވެ! ކިޔައި ދުޢާކުރެއެވެ. އޭރު އޭނާގެ ކެއުމަކީ ޙަރާމް ތަކެއްޗެވެ. އޭނާގެ ބުއިމަކީ ޙަރާމް ތަކެއްޗެވެ. އޭނާ ލައިއުޅެނީ ޙަރާމް ފޭރާމެވެ. އޭނާއަށް ލިބެނީ ޙަރާމް ޣިޛާއެވެ. ފަހެ އެފަދަ މީހާގެ ދުޢާ އިޖާބަކުރައްވާނީ ކޮންފަދައަކުންހެއްޔެވެ!") މި ޙަދީޘުން ދޭހަވާ ގޮތުގައި، ކެއިންބުއިމާއި، ފޭރާންލުމާއި، ހަށިގަނޑަށް ލިބޭ ހަކަތައާއި ޣިޛާއަކީ ޙަލާލު އާމްދަނީކަމުގައި ވުމީ، ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއްކަން އެނގެއެވެ.
ޚުޠުބާގައި ވަނީ، އަހަރެމެންނީ ކެއުމާއި، އުނުފޭރާން ލުމާއި، ތަޢުލީމާއި، ޞިއްޙަތާއި، ހިތްއުފާކުރުމާއި، ހިޔާވަހިކަން ހޯދުމުގައި، ޙަލާލު ފައިސާ ބޭނުންކުރާބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާވެސް ކުރައްވާފައެވެ.
ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެކެވެ. މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައި ވެއެވެ. އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތިއްބެވެ. މި ކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެކެވެ. މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމެވެ.
ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މިކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުމެވެ. އަލްމައުސޫޢަތުލްފިޤްހިއްޔާގައި ބުނެފައިވާ ގޮތުގައި، ޖުވާ ކުޅޭ މީހާ އެ ހޯދަނީ ޙަރާމް ފައިސާއެވެ. އޭނާ އެކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުޙައްޤުން އެފައިސާ ލިބުނީ ކޮން ބަޔެއްގެ އަތުންކަން އެނގޭ ނަމަ އެބަޔަކަށް އެފައިސާ ރައްދުކުރުމެވެ. އެގޮތަށް އެފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެމީހުންގެ ނަމުގައި ފަޤީރުންނަށް އެފައިސާ ދިނުމެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ