ޓެސްޓް ކްރިކެޓްގައި ޕާންޓް އަށް ހާއްސަ ރެކޯޑެއް ޓެސްޓް ކްރިކެޓްގައި ޕާންޓް އަށް ހާއްސަ ރެކޯޑެއް

ލީޑްސް (ޖޫން 24) - އިންޑިއާގެ ކްރިކެޓް ތަރި، ރިޝަބް ޕާންޓް، ވިކެޓް ކީޕަރެއްގެ ގޮތުގައި ކުޅެ، ރަށުންބޭރުގައި ޓެސްޓް ސީރީސްއެއްގެ ދެ އިނިންސްގައި، ސައްތައެއް ހަދައި، ކްރިކެޓް ތާރީހުން ޖާގަ ހޯދައިފި އެވެ.
ޖުމްލަކޮށް ބަލާއިރު، ޕާންޓް އަކީ، ޓެސްޓް ސީރީސްއެއްގެ ދެ އިނިންސްގައި، ސައްތަ ހެދި އިންޑިއާގެ ހަތް ވަނަ ބެޓްސްމަން އެވެ. މީގެ ކުރިން ސުނިލް ގާވަސްކަރާއި ރާހުލް ޑްރާވިޑް، ވިރާތު ކޯލީ، ވިޖޭ ހަޒާރޭ، އަޖިންކިޔާ ރަހާނޭ އަދި ރޯހިތު ޝަރްމާ ވަނީ އެކަން ހާސިލްކޮށްފަ އެވެ. ސުނިލް ގާވަސްކަރު ތިން ފަހަރު ކުރިއިރު، ޑްރާވިޑް ދެ ފަހަރު އެކަން ކުރި އެވެ.
ރަށުންބޭރުގައި އިންޑިއާގެ ކުޅުންތެރިއަކު، ޓެސްޓް ސީރީސްގައި، ދެ އިނިންގްސްއެއްގައި އެންމެ ފަހުން ސައްތައެއް ހެދީ، 2014 ވަަނަ އަހަރު އޮސްޓްރޭލިއާއާ ދެކޮޅަށް ވިރާތު ކޯލީ އެވެ. އޭގެ 10 އަހަރު ފަަހުން، ޕާންޓް އެކަން ހާސިލްކުރިއިރު، ވިރާތު ވަނީ ދާދި ފަހުން ޓެސްޓް ކްރިކެޓުން ރިޓަޔާކޮށްފަ އެވެ.
އިންޑިއާ އާއި އިންގްލެންޑްގެ މެދުގައި މިހާރު ކުރިއަށްދާ ޓެސްޓް ސީރީސްގައި ޕާންޓް ވަނީ، ފުރަތަމަ އިނިންގްސްގައި، 134 ލަނޑު ހަދައިފަ އެވެ. އަދި، ދެ ވަނަ އިނިންގްސްގައި، ޕާންޓް ވަނީ، 118 ލަނޑު ހަދައިފަ އެވެ. މިއީ، ވިކެޓްކީޕަރަކަށް ކުޅެމުން، ޓެސްޓް ކްރިކެޓްގައި މިހާތަނަށް އެންމެ ރަނގަޅު ލަނޑު ރެކޯޑެވެ. އަދި، އެ މަގާމުގައި ކުޅޭ ކުޅުންތެރިއަކަށް، އެއް ޓެސްޓް ސީރީސްގައި ދެ އިިނިންސްގައި ސައްތަ ފުރިހަމަ ކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެކަން ހާސިލްކުރީ، އަމިއްލަ ގައުމުގައި ކުޅުނު މެޗެއްގައި، އިންގްލެންޑްގެ ކުރީގެ ކުޅުންތެރިޔާ، އެންޑީ ފްލާވާ އެވެ.
މީގެ އިތުރުން، ޕާންޓް އަކީ، ސްރީ ލަންކާގެ ލެޖެންޑް ކުމާރު ސަންގަކާރާ އަށް ފަހު، ޓެސްޓް ސީރީސްއެއްގައި އެގްރިގޭޓަށް ބަލާއިރު، ފުރަތަަމަ ދެ އިނިންގްސްގައި، އެންމެ ގިނަ ލަނޑު ހެދި، އޭޝިއާގެ ވިކެޓް ކީޕަރެވެ. ސަންގަކާރާ މީގެ ކުރިން، ޕާކިސްތާނާ ދެކޮޅަށް ލާހޯރުގައި ކުޅުނު ޓެސްޓް މެޗުގެ ފުރަތަމަ ދެ އިނިންސްގައި ވަނީ، ޖުމްލަ އެކު، 244 ލަނޑު ހަދައިފަ އެވެ. ޕާންޓް، ވަނީ ފުރަތަމަ ދެ އިނިންގްސްގެ ޖުމްލަ، 252 ލަނޑު ހަދައި، ސަންގަކާރާ ފަހަތަށް ޖައްސާލައިފަ އެވެ.
އިންގްލެންޑާ ދެކޮޅަށް މިހާރު އިންޑިއާ އިން ކުޅޭ ޓެސްޓް ސީރީސްގެ ހަތަރު ވަނަ ދުވަހުގެ ކުޅުން ނިމުނުއިރު، އިންގްލެންޑުން މޮޅުވާން 350 ލަނޑު ހަމަކުރަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ