ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ސަބަބެއް ނާންގައި ނުބާއްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަޖިލީހުގެ ޖަލްސާ އާންމުކޮށް އޮންނަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ. ނަމަވެސް މިއަދަށް ޖަލްސާއެއް އެޖެންޑާކޮށްފައެއް ނެތެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މިއަދު އެޖެންޑާ ނުކުރި ސަބަބެއް އިދާރީ މޭޒުން ހާމަކޮށްފައިނުވާ ކަމަށެވެ.
އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި މި ހަފުތާގައި ވެސް މަޖިލީހުގެ ޖަލްސާއެއް ނޯންނާނެ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އޭނާ އެކަން ސިފަ ކުރެއްވީ މަޖިިލީހުގައި ތަޅު އެޅުވުމުގެ ގޮތަށެވެ.
"މިއަދު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން ނުވަތަ ނޫންކަން ވެސް ރަސްމީކޮށް އަންގާފައެއް ނުވޭ. އަޑުއިވޭ ގޮތުގައި މި ހަފުތާގައި ވެސް ޖަލްސާއެއް ނޯންނާނެ. މަޖިލީހުގެ ރައީސް މިގޮތަށް މަޖިލީހުގައި ތަޅުއެޅުވުމަކީ ސަރުކާރު ޖަވާބުދާރުކުރުވުމަށް އޮތް ޤާނޫނީ ޒިންމާއަށް ހުރަސްއަޅައި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުން،" ޝަމްހީދު ވިދާޅުވި އެވެ.
މި ހިނގާ މަޖިލީހުގެ ގަވާއިދުގެ 47 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަނީ ހާއްސަ ހާލަތެއް ދިމާވެގެން ނުވަތަ، މަޖިލީހުން އެހެން ގޮތެއް ކަނޑަނާޅާހައި ހިނދަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ހިނގާ އާންމު ޖަލްސާތައް ހަފުތާއަކު މަދުވެގެން ތިން ދުވަހު ބާއްވަންޖެހޭނެ ކަމަށެވެ.
މީގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް މަޖިލީހުގެ ޖަލްސާއެއް ނުބާއްވާ މަހަކަށް ވުރެ ގިނަ ދުވަސް ފާއިތުވި އެވެ. އެއިރު ވެސް، ޖަލްސާއެއް އެޖެންޑާ ނުކުރާ ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެ އެވެ.
ސަބަބެއް ނާންގައި މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ