މާރާމާރީއެއް ހިންގުމުގެ ތުހުމަތުގައި އައްޑޫން 17 އަހަރުގެ ކުއްޖަކާއި 2 ޒުވާނުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި މާރާމާރީއެއް ހިންގުމުގެ ތުހުމަތުގައި 17 އަހަރުގެ ކުއްޖަކާއި، ދެ ޒުވާނުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، އެ މާރާމާރީ ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރީ ހޯމަ ދުވަހު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ / ބޯޅަކިންކިރުމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ) އާއި 17 އަހަރުގެ ކުއްޖެކެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ ކުއްޖާއާއި ދެ ޒުވާނުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"ގެ ދަށުންނެވެ. އެ މުއައްސަސާއިން ވަނީ، މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލަކަށް ފުލުހުން ޖާގަ ނުދޭނެ ކަމަށާއި، އެފަދަ ކުށްތަކުގައި ބައިވެރިވާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމަށް ބުނެފައެވެ. https://sun.mv/214092 ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނު މިދިޔަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ ބިލު ހަމަ އެ މަހުގެ 25 ވަނަ ދުވަހު ތަސްދީގުކުރައްވައިފައެވެ. މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރައީސްވަނީ 'ގޭންގް'ތަކުގެ ގިންތިއަށް ފެތޭ އެއްވެސް ގޭންގެއް އޭރު ނެތްކަން އިއުލާނުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރިން އެކަން ކުރި މީހުން ކުށްކުރުން ހުއްޓާލައި، 'ނޯމަލް ލައިފް'އަކަށް ގޮސްފައިވާ ކަމަށެވެ. އެ ގާނޫނާއެކު ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ވަރަށް ބޮޑެތި ބާރުތައް ލިބިދީފައިވެއެވެ. އޭގެ ތެރޭގައި ކޯޓު އަމުރަކާ ނުލައި ވެސް އަމިއްލަ ތަންތަނަށް ވަދެ، ތުހުމަތުކުރާ މީހާ ހައްޔަރުކުރުމާއި ބަލައި ފާސްކުރުމުގެ ބާރު ހިމެނެއެވެ. އަދި ބޮޑެތި ކުށްކުރާ މީހުން ކަފާލާތުގެ ދަށުން ދޫނުކުރުމުގެ ބާރާއި ބޮޑު ކުށެއްގެ ތުހުމަތުކުރާ މީހާ ހައްޔަރުކުރުމަށްފަހު އެ ވަގުތުން ފެށިގެން 48 ގަޑިއިރާ ހަމައަށް، ވަކީލަކާއެކު އެކަހެރިކޮށް ބައްދަލުވާން ފުރުސަތު ނުދިނުމުގެ ބާރު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ