ވަޒީރުން ޖަވާބު ދެއްވަނީ ރައީސް އޮފީހުން ފޮނުވާ ސުވާލުތަކަށް، މަޖިލީހުގެ ދައުރު އަދާނުކުރެވޭ: އެމްޑީޕީ ޕީޖީ

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރުން އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށާއި ވަޒީރުން ޖަވާބު ދެއްވަނީ ރައީސް އޮފީހުން ޕީއެންސީގެ މެމްބަރުންނަށް އެމްޑީޕީގެ ސަރުކާރުތަކާ ގުޅިގެން ކުރަން ފޮނުވާ ސުވާލުތަކަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފިއެވެ.
މިއަދު އެމްޑީޕީގެ ޕީޖީން މަޖިލީހުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، މަޖިލީހަށް ސަރުކާރުގެ ފަރާތުން ފޮނުވަން ޖެހޭ ބިލުތައް ނުފޮނުވި ކުރާނެ މަސައްކަތެއް ނެތި، މަޖިލިސް މިއަދު ވެސް ނިންމާލަން ޖެހިފައިވާ ކަމަށެވެ. އަދި މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ނުގެންދާތީ ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރަން ގިނަ އަދަދެއްގެ ސުވާލު ހުށަހަޅާފައިވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މިދިޔަ އަހަރު ހުށަހަޅާފައި ހުރި ސުވާލުތަކާ ގުޅިގެން ވަޒީރު މަޖިލީހަށް ނުގެނެވިގެން އުޅެނިކޮށް ވަޒީރު އިސްތިއުފާ ދިނުމުން ނުވަތަ ވަކިކުރުމުން އަނެއްކާވެސް އެ ސުވާލުތައް ތަކުރާރުކުރަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާތްގަނޑަކަށް 100 އެއްހާ ސުވާލު މިހާރު ވެސް އަޅުގަނޑުމެން ހުށަހަޅާފައިވާނެ. އެހެންނަމަވެސް، މިފަހަކަށް އައިސް ކޮންމެވެސް ވަރަކަށް ވަޒީރުން އެބަ ހާޒިރުކުރޭ މަޖިލީހަށް. މައިގަނޑު ގޮތެއްގައި ވަޒީރުން މި ހާޒިރުކުރެވެނީވެސް މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ދުވަސްތަކުގައި،“ މައުރޫފް ވިދާޅުވިއެވެ.
ވަޒީރުން ހާޒިރުކުރާއިރު ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ރާވައިގެން، އެމްޑީޕީގެ މެމްބަރުންނަށް ފުރުސަތު ނުދީ ކުރިއާލައި ލިޔެގެން ވަކި ސުވާލުތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން ކުރައްވާ ސުވާލުތަކަށް ވަޒީރު އެކަށީގެންވާ ޖަވާބެއް ނުދެއްވާއިރު، ޕީއެންސީގެ މެމްބަރުން ކުރީގެ ސަރުކާރާ ގުޅިގެން ކުރާ ސުވާލުތަކަށް ވަރަށް ތަފްސީލީ ޖަވާބު ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”ޕީއެންސީއަށް ނިސްބަތްވާ ފަރާތްތަކުން ރޭވިގެން ވަޒީރުންނާ ކުރާނެ ސުވާލުތަކެއް ލިޔެގެން އައިސް، މީގެ ކުރީގައި އެމްޑީޕީގެ ސަރުކާރުތަކުން ނުވަތަ ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުރި ކަންތައްތައް ގޯސްކޮށް، އޭގެ ވަކި ސެޓް ޖަވާބުތަކެއް ނެރުމަށް ޓަކައި މަސައްކަތް ކުރަމުންދާ މަންޒަރު،“ މައުރޫފު ވިދާޅުވިއެވެ.
އެކަން ކުރަނީ ރާވައިގެން އެމްޑީޕީގެ މެމްބަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ހަނިކުރުމަށް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް، މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށާއި އިތުރު ސުވާލުތައް ވެސް ހުށަހަޅުއްވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވަޒީރުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭނަމަ އަލުން އެ ސުވާލުތައް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭއިރު، ކޮންމެ ސުވާލެއްގެ ޖަވާބުގައި ވެސް ކުރީ ސަރުކާރުތަކުގެ ވާހަކަ ދައްކަމުންދާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގެ ވާހަކަ ދައްކަމުންދަނީ މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދެވޭތީ ކަމަށެވެ. ވަޒީރުން ޖަވާބު ދެއްވާއިރު، އިތުރުފުޅު ހައްދެއްވުމާއި ސުވާލުތަކުގެ ޖަވާބު ނުދިނުން ފަދަ ކަންކަމަކީ ރިޔާސަތުން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަދި ވަޒީރު ދެއްވާ ޖަވާބުގައި ވަރަށް ގިނަ ފަހަރު އިތުރުފުޅު ހައްދަވާކަން އަޅުގަނޑުމެންނަށް ވަރަށް ފާހަގަކުރެވިގެން އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެން އެބަހުރި ފާހަގަކޮށްފައި. މަޖިލީހުގައި އެކަން ބަލަންޖެހޭ ފަރާތަކީ ހަގީގަތުގައި މަޖިލީހުގެ ރިޔާސަތުން، ރިޔާސަތުން އެކަމާ މެދު އަޅާނަލައި ދޫކޮށްލާ ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ސްޕޯކްސްޕާސަން އެ ފާހަގަކުރެއްވި ފަދައިން ގިނަ ވަޒީރުންނާ އަޅުގަނޑުމެން ކުރާ ސުވާލުތަކުގެ ޖަވާބު ނުދީ ދަންމާލާ ދަންމާލުން ވެސް އެއީ އޭގެ މިސާލެއް،“ ނާޒިލް ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވީ، މިއަދު ހިމަބިހި ފެތުރެމުންދިޔުމާ ގުޅިގެން އޭނާ ކުރެއްވި ސުވާލުތަކަށް ސިއްހީ ކަންކަމާ ބެހޭ ވަޒީރު ގީލާ އަލީގެ ފަރާތުން އެކަށީގެންވާ ޖަވާބުތަކެއް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރުން ފެށިގެން 2023 އަހަރުގެ ނިޔަލަށް ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން ރައީސް އޮފީހުން ލިޔެގެން ޕީއެންސީގެ މެމްބަރުންނަށް ފޮނުވާ ސުވާލުތަކަށް ވަރަށް ފަރިތަކޮށް ޖަވާބު ދެއްވި ކަމަށް ވިދާޅުވިއެވެ.
”އެންމެ ހިތާމަކުރަން ޖެހޭ ކަމަކީ ރައްޔިތުންނާ ގުޅުންހުރި މިހާ މުހިންމު ސުވާލުތަކުގެ ޖަވާބު ނުދެއްްވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެކަމާ އުފާކޮށް އަތް ޖަހާ އެބަ. މިއީ ހަގީގަތުގައި މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަމެއް. މިހެން މިކަން މި ކުރަނީ، ސަރުކާރަށް މާ ބޮޑު ކަމެއް ކުރެވިފައި ނެތީމާ ކުރީގެ ސަރުކާރުގެ އެއްޗެހި ނަގައިގެން، އެ ވަގުތު، އަޅުގަނޑުމެންނަށް އެ ލިބޭ ބައިގަޑިއިރު މި ލިބެނީ ވަޒީރަކާ ސުވާލުކޮށްލަން އެ ވަގުތު ދުއްވާލުމުގެ ބޭނުމުގައި ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް،“ ޒިޔާދު ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ފާހަގަކުރެއްވީ މިހާރު މަޖިލީހުގެ ތަޅުމުގައި އޮތް މަސައްކަތަކީ ކުނި މެނޭޖްކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ކަމެވެ. ނަމަވެސް، އެ އިސްލާހަށް ބަހުސް ކުރަން ފުރުސަތު ދިނީ މިއަދު އެންމެ މެމްބަރަކަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ކުރާނެ އިތުރު މަސައްކަތެއް ނެތުމުން އެ އިސްލާހުގެ މަސައްކަތް މުޅި ހަފްތާއަށް ދަންމާލަނީ ކަމަށެވެ.
”ސަރުކާރު ޖަވާބުދާރީކުރުމަށް ކުރަންޖެހޭ މަސައްކަތް މަޖިލީހުގެ މައިގަނޑު ޒިންމާއަކީ، އެ މަސައްކަތް އެއްވެސް ވަރަކަށް ނުކުރާތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ،“ ޝަމްހީދު ވިދާޅުވިއެވެ.
މިއަދު މަޖިލީހުގައި ހިމަބިހި ފެތުރުމާ ގުޅިގެން މިނިސްޓަރު ގީލާ އަލީއާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުތަކުން ވެސް އެކަމާ މެދު މާ ބޮޑު ކަންބޮޑުވުމެއް ހުރިހެން ހީނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ބަޖެޓު ކުރި ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާ ހަރަދުކޮށްފައިނުވާތީ އެ ފައިސާއަށް ވީ ގޮތެއް އެހުމުން އެ ސުވާލަށް ވެސް ޖަވާބެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ކޮމިޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެމްބަރަކަށް 20،000ރ. ލިބޭއިރު، އަދި ކޮމިޓީތަކުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުރި އިރު، ކޮމިޓީއެއްގައި 15 މިނެޓު ވެސް ހޭދަނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި މިއަދަށް ތާވަލުކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވެސް ކެންސަލްކުރިކަން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ