ޑަބްލިއުއެފްއެފްއޭގެ މެމްބަރު ޤައުމަކަށް ރާއްޖެ: ޤައުމީ ލީޑަރަކީ ސައިފް

ފްރީސްޓައިލް ފުޓްބޯލް ކުރިއެރުވުމަށް އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން (ޑަބްލިއުއެފްއެފްއޭ)ގެ މެމްބަރު ޤައުމަކަށް ރާއްޖެ ހަމަޖައްސައިފިއެވެ.
މިކަން ބުރާސްފަތި ދުވަހު އެޖަމްއިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން، މިކަން ހާމަކޮށް ޑަބްލިއުއެފްއެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެޖަމިއްޔާގެ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ހަމަޖެއްސުމާއެކު، ރާއްޖެވެގެން ދާނީ ޑަބްލިއުއެފްއެފްއޭގެ 116 ވަނަ މެމްބަރަށް ކަމަށެވެ.
މީގެ އިތުރުން، ވަރަށް މުހިންމުކަމެއް އެޖަމްއިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެއީ އެޖަމްއިއްޔާ ތަމުސީލުކުރާ ރާއްޖޭގެ ޤައުމީ ލީޑަރެއްގެ ގޮތުގައި ރާއްޖޭގެ ފްރީސްޓައިލް ފުޓުބޯޅައިގެ ރަސްފެފާނުގެ ގޮތުގައި މުހާތަބުކުރެވޭ މުހައްމަދު ސައިފް ޒާހިރު (ސުޕަމޭން) އައްޔަންކުރެވިފައިވާކަން އިޢުލާންކުރުމެވެ. ޑަބްލިއުއެފްއެފްއޭއިން ވަނީ ސައިފްއަށް ހޫނު މަޜުޚަބާއެއް ވެސް ކިޔާފައެވެ.
މިކަމާއި ގުޅިގެން ސައިފް ބުނީ، މިއަދަކީ ރާއްޖޭގެ ފްރީސްޓައިލްއަށް އުފާވެރި ދުވަހެއް ކަމަށެވެ. މިފުރުޞަތުގެ ބޭނުން ހިފާނީ ފްރީސްޓައިލް ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކޮށް، އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގައި ބޭއްވި ރެޑްބުލް ސްޓްރީޓްސްޓައިލުން ދެ ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ މުހައްމަދު ސައިފް ވަނީ ރާއްޖޭގައި ފްރީސްޓައިލް ފުޓުބޯޅަ ކުރި އެރުވުމަށްޓަކައި އޭނާގެ އަމިއްލަ ބްރޭންޑެއް ތައާރަފުކޮށްފައެވެ. ސައިފްގެ މިބްރޭންޑް ލޯންޗު ކޮށްފައި ވަނީ އޭނާގެ 30 ވަނަ އުފަން ދުވަހުއެވެ. އޭނާގެ ބްރޭންޑްގެ ނަމަކީ “މުހައްމަދު ސައިފް ޒާހިރު”އެވެ.
ސައިފް ވަނީ މިދާއިރާގައި ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލްކޮށްފައެވެ. މިހާރު ކުރާ މަސައްކަތަކީ އަމިއްލަ ގޮތުން މިކަމަށް މީހުން ތަމުރީންކުރުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ